މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު)ގެ ކާރަށް ގެއްލުންދީ، އާމްދަނީއަށް ހުރަސްއަޅާފައި ވަނިކޮށް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އޭނާއަށް އެހީތެރިވެދީފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ފަސްވަނަ ފަހަރަށް ތަޅާލިކަން އެނގިވަޑައިގަތުމުން މިނިސްޓަރު މަހުލޫފު ވަނީ އައިންތުއަށް ގުޅައި ކާރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށްދީފައެވެ.
ކާރަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށްފަހު އައިންތު މިއަދު ޓެކްސީ ކުރަން ފެށި އިރު، ކާރު މަރާމާތުކޮށްދިންކަމަށްޓަކައި އައިންތު ވަނީ މިނިސްޓަރު މަހުލޫފަށް ޝުކުރު އަދާކުރައްވައިފައެވެ.
"އަޅުގަނޑަށް މިކަމުގައި އެއްބާރުލުން ދެއްވި އެންމެހައި ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އަދި ވަކިން ހާއްސަކޮށް މިނިސްޓަރު އަހުމަދު މަހުލޫފު އަޅުގަނޑަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ވަރަށް އިހުލާސްތެރިކަމާއެކީ ޝުކުރު ދަންނަވަން،" އައިންތު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިންތުއާ ބައްދަލުކޮށް މިނިސްޓަރު މަހުލޫފު ވަނީ އައިންތުގެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލަ ފުލުހުންނާއި ޖެންޑާއަށް ހުށަހަޅަން އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.
މިނިސްޓަރު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އެހީތެރިކަން އަބަދުވެސް އައިންތުއަށް ލިބޭނެ ކަމަށާއި އައިންތުއަށް ގޯނާކުރާ މީހާ ހުއްޓުވައި އިންސާފުގެ ކުރިމައްޗަށް ގެނެވެންދެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
"އައިންތުއަކީ ވަރަށް ހިތްވަރުގަދަ ކަނބަލެއް. އަދި އެންމެހައި އަންހެން ބޭފުޅުންނަށް ރަނގަޅު ނަމޫނާއެއް،" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
މީގެކުރިން އައިންތުގެ ކާރަށް ގިނައިން ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ އާއި އޭނާގެ ރައްޓެހިން ކަމަށް އައިންތު ތުހުމަތު ކުރެއެވެ. މިފަހަރު ގެއްލުން ދިން މީހާ ސީސީޓީވީ ފުޓޭޖުން ފުލުހުންނަށް ހޯދިފައިވީ ނަމަވެސް އެއީ ކާކު ކަމެއް އައިންތަކަށް ނޭނގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު