ގެސްޓްހައުސް ވިޔަފާރީގެ ނަން ބުޓީކް ހޮޓެލްސްއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވި ރާސްތާ ވެބިނާ 2020ގައި ގެސްޓްހައުސް ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.

މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވީ ކޮވިޑާ ގުޅިގެން ހުއްޓިފައިވާ އެއް މަސައްކަތަކީ ގެސްޓްހައުސް ރެގިއުލޭޝަން އެކުލަވއިލުން ކަމަށެވެ. އެގޮތުން ކޮވިޑްގެ ކުރިން ގެސްޓްހައުސް ގަވާއިދުތައް އަލުން އެކުލަވާލައި ޒަމާނީ ފެންވަރަށް ބަދަލުތަކެއް ގެންނަން މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު އަނެއްކާވެސް އެމަސައްކަތް ފެށިފައިވާ ކަމަށެވެ.

ފަރުހާދު ވިދާޅުވީ ގެސްޓްހައުސް ކީ ނަމަވެސް ބައެއް ތަންތަނުން ދޭ ހިދުމަތްތަކަކީ ފައިވް ސްޓާގެ ހިދުމަތްތައް ކަމަށާއި އެހެންކަމުން ގެސްޓްހައުސްގެ ނަން ބަދަލު ކުރަން ޖެހޭ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އަޑު އިވިގެންދާނީ ބުޓީކް ހޮޓެލްސްގެ ނަމުގައި ކަމަށާއި މިއީ ރާއްޖޭގެ މި ސިނާއަތަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށްވެސް ވިދާޅުވި އެވެ.

"ގެސްޓްހައުސް މި ބްރޭންޑް މިއުޅެނީ ރީބްރޭންޑް ކޮށްފަ ބުޓީކް ހޮޓެލްސްއަށް ބަދަލުކުރަން، މިކަން ވެގެންދާނީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިއަށް ލިބިގެންދާ ކުރިއެރުމަކަށް،" ފަރުހާދު ވިދާޅުވި އެވެ.

ގެސްޓްހައުސްތައް އަލުން ހުޅުވާލާފައިވާކަން ފާހަގަ ކުރައްވައި ފަރުހާދު ވިދާޅުވީ އިތުރު ގެސްޓްހައުސްތައް ހުޅުވާލެވޭނީ ރައްޔިތުން ހޭލުންތެރިކޮށްގެން ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ ރައްޔިތުންނަށް މާސްކް އަޅައިގެން އުޅުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި ފާހަގަ ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މި ކަންކަމަށް ރައްޔިތުން ހޭލުންތެރި ކޮށްގެން ނޫނީ އިތުރު ގެސްޓްހައުސްތައް ހުޅުވަން އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރުހާދު އިތުރަށް ވިދާޅުވީ ބައެއް ގެސްޓްހައުސްތަކަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށާއި އެފަދަ ތަންތަނަށް ލުއި ގޮތްތައް ހަމަޖައްސައިދީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ކަރަންޓް ބިލްތަކާއި އެހެނިހެން ކަންކަމުގައިވެސް ލުއިތައް ހޯދުމަށް ކަމާބެހޭ އިދާރާތަކާއި ކުންފުނިތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.