ރާއްޖޭގައި އެންމެ ފުރަތަމަ ގެސްޓުހައުސްގެ ވިޔަފާރި ފެށި ކ. މާފުށި "ހާޓް އޮފް މޯލްޑިވްސް"ގެ ނަމުން ނަން ދީ އެ ރަށް ބްރޭންޑްކޮށްފިއެވެ.

ރާއްޖޭގެ ރަށެއްގައި އެންމެ ގިނަ ގެސްޓުހައުސް ހޮޓާ އޮޕަރޭޓްކުރާ ރަށަކީ މާފުއްޓެވެ. އެ ރަށުގައި މިހާރު 2،000 އަށް ވުރެ ގިނަ ޓޫރިސްޓު އެނދު އެބަހުއްޓެވެ.

މާފުށި ބްރޭންޑް ކުރުމަށް ރޭ މާފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށުގެ ބްރޭންޑު "ހާޓް އޮފް މޯލްޑިވްސް" އާއި ރަށުގެ އާ ލޯގޯ ލޯންޗުކޮށްދެއްވީ، ރަށްރަށުގައި ގެސްޓު ހައުސް ވިޔަފާރިއަށް ފުރުސަތު ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެ ރަސްމިއްޔާތުގައި އެމްޑީޕީ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި ގެސްޓު ހައުސް އެސޯސިއޭޝަންގެ ރައީސް އަދި ކާނި ހޮޓެލްސް އެންޑް ރިސޯޓްސްގެ އަބްދުﷲ ނަޝީދާއި މާފުށީގައި ފުރަތަމަ ގެސްޓު ހައުސެއް ހުޅުވި، ކުރީގެ ގަވަރުނަރު އަހުމަދު ނަސީމާއި މާފުށީ ކައުންސިލްގެ ރައީސާއި މެންބަރުންނާއި ކައިރި ރަށްރަށުގެ ކައުންސިލްތަކުން ބައިވެރިވެލެއްވިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނަޝީދު ވިދާޅުވީ، މާފުށީގެ އިގްތިސޯދު އެތައް ގުނައެއް މިއަދު ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިއަދު އެ މަނިކުފާނުގެ އެންމެ ބޮޑު އެދުމަކީ މާފުށީގެ އުފެއްދުންތެރިކަން ކުރިއަރައިގެން އަންނަ މިންވަރު އެނގުން ކަމަށެވެ.

"މި މާ ފުށީގެ ޖީޑީޕީއަކީ ކޮބައިކަން. މާފުށީގެ އުފެއްދުންތެރިކަން ކުރިއަރަމުން އަންނަ މިންވަރަކީ ކޮބައިތޯ. މާފުށީގައި މަހަކަށް އިތުރަށް ކިތައް ވަޒީފާ އެބަ އިތުރުވޭތޯ. ކުރިއަށް އޮތް ތާނގައި ވަޒީފާތައް ބޭނުންވެގެންދާނީ ކިހާ ވަރަކަށްތޯ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސަތުތައް ކަނޑައެޅުމުގައި އެންމެ މުހިންމު އެއްޗަކީ މައުލޫމާތު ކަމަށެވެ. އެގޮތުން މާފުށިން އަހަރެއްގެ މައްޗަށް 120 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައްކާ ކަމަށާއި 55 މިލިއަން ރުފިޔާގެ އާމްދަނީއެއް ކައުންސިލަށް ލިބޭ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރިސޯޓުތަކުން ނަގާ ނަފާ މީހުން ދިރިއުޅޭ ރަށްރަށުންވެސް ނެގޭނެ ކަމަށެވެ.

"ކީއްވެގެންތޯ ދިވެހިރާއްޖޭގައި މި 194 މީހުން ދިރިއުޅޭ ރަށުގައި ހަމަ އެ ގޮނޑުދޮށް އޮތީ ޓޫރިސްޓު ރަށެއްގައި އޮންނަ، ހަމަ އެ މޫދު އޮތީ، ޓޫރިސްޓު ރަށެއްގައިވެސް އޮންނަ، ހަމަ ގަސްކަރަ އެކައްޗެއް، ފަސްގަނޑު އެކައްޗެއް. އެހެންވީމާ އެނގޭ ރިސޯޓެއްގައި ނަގާ ނަފާ މީހުން ދިރިއުޅޭ ރަށެއްގައި ނުނެގޭންވީ އެއްވެސް ސަބަބެއް ޒަމީރަކަށް ނުވިސްނުނު" ނަޝީދު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މާފުށީގެ އާ ލޯގޯ ބޭނުންކުރެވޭނެ ކުލަތައްވެސް ދައްކައިލައިފައެވެ. އަދި ރައީސް ނަޝީދަށް ވަނީ ހާއްދަ ހަނދާނީ ފިލައެއްވެސް އަރުވައިފައެވެ.