ރޫޓު ފިހާރަ އިން ބޭންކު އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ފައިސާ ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑަށް 50،000 ރުފިޔާ ދީފި އެވެ.
ރޫޓުން މިދިޔަ އާދީއްތަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބީއޯސީ އަށް ޖަމާކުރަން ގެންދިޔަ ފައިސާ ފޭރެން އުޅުނު މީހުން ހުއްޓުވާފައިވަނީ އެ ބޭންކުގެ ސެކިއުރިޓީ ގާޑަކަށް ހުރި އެބްސުލޫޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން (އޭއެސްއޭޕީ)ގެ މުވައްޒަފު މުހައްމަދު ހަސަން މަނިކެވެ.
ރޫޓް ފިހާރައިގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާއަށް ޝުކުރު އަދާކޮށް ރޫޓު ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ މުހައްމަދު ހަސަން މަނިކު ވިދާޅުވީ، ހަސަން މަނިކު އެ ދުވަހު ނެތްނަމަ، އެ ކުންފުނިން ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ގެއްލުނީސް ކަމަށެވެ. އެހެންކަމުން އޭނާގެ އަގުވަޒަންކޮށް ފައިސާގެ އިނާމަކާއެކު ރަމްޒީ ލިޔުމެއް ވަނީ ދީފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަސަން މަނިކުގެ އިތުރުން ފޭރުން ހުއްޓުވުމުގައި އެހީވި ރޫޓު ފިހާރައިގެ ތިން މުވައްޒަފުންގެ އަގު ވަޒަންކޮށް، ކޮންމެ މީހަކަށް 10،000 ރުފިޔާ ވަނީ ދީފަ އެވެ. އެއީ ވޭނުން ނުކުމެ ފޭރެން އުޅުނު މީހެއްގެ ލޮލަށް ބޮޑީ ސްޕްރޭ ޖެހި މަރިޔަމް ޖީލާ އާއި ބަންގްލަދޭޝް ދެ މުވައްޒަފުން ކަމަށްވާ ބާދުޝާހާއި ޖަލާލުއްދީނެވެ.
ރޫޓު ފިހާރައިން ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނީ ހެލްމެޓް އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހެކެވެ. އަދި އެ ހަތަރު މީހުން ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު