އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅަކަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓާކުރުމަކީ އެއްގައުމު އަނެއް ގައުމަށްކުރާ އިހުތިރާމުގެ ރަމްޒެއް ކަމަށް މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް އިންޑިއާގެ ސްޕައިސް ޖެޓުން ސީޕްލޭންގެ ހިދުމަތް ފެށީ ނަރްމަދާ ޑިސްޓްރިކްޓްގައި ހުންނަ ކެވާޑިއާ އާއި އަހުމަދުއާބާދުއާ ދެމެދުގަ އެވެ. މޯދީ ފައްޓަވައިދެއްވި އެ ހިދުމަތް އިންޑިއާއިން ފެށީ މޯލްޑިވިއަންގެ އެހީތެރިކަމާއެކު، އެކުންފުނީގެ ސީޕްލޭނެއް ޗާޓަރު ކޮށްގެންނެވެ.

ރިޒްވީ ވިދާޅުވީ، އިންޑިއާ އިން ބޭނުންނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ސީޕްލޭން ޗާޓަރު ކުރެވިދާނެ ކަމަށާއި ނަމަވެސް އެ ފުރުސަތު ރާއްޖޭގެ ގައުމީ އެއާލައިނަށް ދިނުމަކީ ދިވެހިންނަށް ލިބިގެންދިޔަ ފަހުރަކާއި ޝަރަފެއް ކަމަށެވެ.

"މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަގީންކަން އެތައްތަނަކުން އިތުރުވެ، ވިޔަފާރިގެ ދާއިރާއިން ބޮޑެތިކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓް ފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަގީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރުފަހި ކަމެއް ލިބިގެންދާނެ ކަމެއް، މި ފުރުސަތުގެ ބޭނުން ވީހާވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން،" ރިޒްވީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިންޑިއާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭނެ ކަމަށާއި އެފަދަ މަޝްވަރާތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި މޯދީގެ ދަތުރުފުޅާއެކު، ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން ބަދަހިވުމުގެ އިތުރަށް ރާއްޖޭގެ މާސިންގާ ކަޑުތަކުން ދިވެހިން ހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިހުތިރާމުކުރާ އަދި ބަލައިގަންނަ ކަމެއްކަން އެނގިގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.