ރައްޔިތުންގެ މަޖިލިސް

މަޖިލިސް ފޯރަމުގައި ޝަހިންދާ ބައިވެރިކުރި މައްސަލަ ބެލުމަށް ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުން އެކުލަވާލަމުން އަންނަ އިންތިގާލީ އިންސާފުގެ ބިލަށް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުގައި ޝަހިންދާ އިސްމާއިލް ބައިވެރިކުރި މައްސަލަ ބެލުމަށް، އިސްލާމް ދިނަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް މަސައްކަތްކުރާ، ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވި އެ ފޯރަމްގައި، ރާއްޖެއިން ބޭރުގައި ހުރި ޝަހިންދާ ވަނީ އޮންލައިންކޮށް ބައިވެރިކޮށްފައެވެ.

އެކަން ކުށްވެރިކޮށް ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ފައްޅި އެޅުމާއި މާތް ﷲ އަށް ކާފިރު ވެ އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދިނުމަށް ގޮވާލައި ކުފުރުގެ ރިޕޯޓް ނެރުނު ލާދީނީ އެމްޑީއެންގެ ޖަރީމާ ހިންގި މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ރައްޔިތުން ތެދުވެ އުޅޭތާ އަހަރު ފުރިގެން ދަނިކޮށް އެ ބިލަށް ހިޔާލު ހޯދުމަށް ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، "މަގާމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ހިއްޕަވައިގެން މުޅި މަޖިލިސް ތަމްސީލު ވާނޭހެން، ލާދީނީ ރިޕޯޓް ލިޔުނު އެމްޑީއެންގެ ޝަހިންދާ އިސްމާއީލް ރާއްޖޭން ބޭރުގައި ފިލައިގެން އުޅެނިކޮށް ބައިވެރި ކުރުމަކީ، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ރައްޔިތުންނަށް ކުރި ފުރައްސާރައެއް ކަމަށެވެ.

އެ އަމަލަކީ ފުލުހުުން ހޯދަމުން އަންނަ ކަމަށް ބުނެ އިއުލާންކޮށްފައިވާ އެމްޑީއެންގެ ބޮޑުންގެ ތެރެއިން ޝަހިންދާ އަށް ފުރުސަތު ދޭންވެގެން ގަސްތުގައި، ކުރިއާލައި ރާވައިގެން ލާދީނީ ވިސްނުމުގެ ގާތް އައުވާނުންކޮޅެއް ހިމަނައިގެން ރައްޔިތުން ރުޅިއަރުވައި، ޖެއްސުންކޮށް ގައުމު ހަލަބޮލި ކުރުމަށް ހިންގި ހުތުރު އުދުވާނެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ފޯރަމްގައި ޝަހިންދާ ބައިވެރި ކުރުމަކީ އޭނާގެ ޖަމާއަތުން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައި ހުރުމަކީ، މައްސަލައެއް ނޫންކަމަށް މަޖިލީހުން ދެކޭކަން ބޭރު ދުނިޔެއަށް ދައްކައި މި އިސްލާމީ ދައުލަތުގެ ނަމާއި ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ހައިބަތު ކިލަނބު ކުރުމަށް ހިންގި ގާނޫނާ ހިލާފު ނޭއްގާނީ އަމެއްލަމަށް ވެސް ބުނެފައި ވެއެވެ.

"ވީމާ މާތް ﷲގެ ދީނާއި އެކަލާނގެ ނަބިއްޔާ އަށް ފުރައްސާރަކުރި މީހަކު ބައިވެރި ކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ހިންގި ލާދީނީ ޖަރީމާ ހިންގި ފަރާތްތަކާމެދު ތަހުގީގު ހިންގައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ރައްޔިތުންގެ އިއްތިހާދުން ގޮވާލަމެވެ. އަދި އެފަދަ ފަސާދަ ކުރަނިވި ފިތުނަތައް ދެން އިތުރަށް ހިންގިޔަ ނުދިނުމަށް މާތް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔަށް ވަފާތެރިވެ އެކަން ސާބިތުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސްކުރަން،" ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.