ފުވައްމުލައް ސިޓީއަކީ މާލެ ފިޔަވައި އެއް ފަސްގަނޑެއްގައި އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ އެއް ސިޓީއެވެ. ބިމުގެ ގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ރަށަކީ ވެސް އެއީ އެވެ. ބޮޑު މިނުގައި ފަސް ކިލޯ މީޓަރު ހުންނަ އެ ރަށް އުފެދިފައި އޮންނަ ގޮތުން ރަށުގެ ހޭޅިއަށް ވުރެ، ރަށުގެ އެތެރޭގެ ފަސްގަނޑު ތިރިއެވެ. އެހެންކަމުން ޒަމާނުއްސުރެ، ފުވައްމުލަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވިއްސާރަ މޫސުމެއް ވިއްޔާ މަގުތަކުގައި ފެންބޮޑުވެ، ވަޅުގަނޑު ހެދޭ މައްސަލައެވެ. ޗަކަ މަގުތަކުގައި ހިނގާބިނގާވެ އުޅެން މަޖުބޫރުވެފައިވާ މައްސަލައެވެ.

ފުވައްމުލަކުގެ އޮށްވަނޅުގޮޑިއެއް ފަދަ މަގުތައް ޒަމާނީ ފެންވަރަކަށް ހެދިގެންދާނެ ދުވަހެއް ފެނުމަކީ އެރަށުގައި ދިރިއުޅޭ އެތައް ހާސް ބައެއްގެ ޒަމާންވީ ހުވަފެނެކެވެ. އެރަށަށްވުރެ މާ ކުދިކުދި ރަށްތަކުގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ހަދައި ބޭނުންކުރަމުން އަންނަތާ އެތައް އަހަރެއް ވެގެން ދިޔައިރުވެސް ފުވައްމުލަކު މަގުތައް އެ ހާލުގައި އޮތް އޮތުން ފުވައްމުލަކު ރައްޔިތުން ބަލައެއް ނުގަނެ އެވެ. އެހެން ނަމަވެސް އެރަށު ރައްޔިތުން ދެއްކީ ކެތްތެރިކަމެވެ. ކުރަމުން އައީ ދިގު އިންތިޒާރެވެ. ރައްޔިތުންގެ އެ ދިގު ހުވަފެނުގައި ހަގީގީ ކުލަ ޖެހުމުގެ ކޮޅުމައްޗެއް ފެނިގެން ދިޔައީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު އެރަށުގައި ހުންނަވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވުމާ އެކުގައެވެ.

ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވައި، ނައިބު ރައީސް ފައިސަލް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅުކަމަށެވެ. އެގޮތުން ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދާނީ އެ ގޮތުގެ މަތީން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ދެއްވި އުފާވެރި ހަބަރާއެކު، ފުވައްމުލަކުގެ ރައްޔިތުން އުފަލުން ފޮޅިފައި ތިއްބައި ދެން ފެނިގެން ދިޔައީ، ސަރުކާރުގެ ތަރައްގީގެ މައި ހިއްސާދާރު ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރޭކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މަގު ހެދުމަށް ބޭނުންވާ ސާމާނާއެކު ފުވައްމުލަކަށް އަރައި، އެރަށުގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށިތަކެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފުވައްމުލަކުގެ މައި 31 މަގެއް ޒަމާނީ ފެންވަރަށް ހެދުމަށެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ 15،932 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެއެވެ.

މީގެ އިތުރުން 122،659 އަކަމީޓަރުގެ ސަބް ބޭސް ހެދުމާއި 95،239 އަކަމީޓަރުގެ ތާރު އެޅުމާއި ފައިމަގުގައި ހިނގާ ސަރަހައްދެއް ހެދުމާއި މަގުތަކުގައި ބައްތި ހަރުކުރުމާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް 278.4 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން ކުރާނެ އެވެ.

"ވަޅުގަނޑެއް ނުހެދޭ ހަމަ އެންމެ މަގެއްވެސް ނެތް. ގިނަ މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވޭ. މަގުތައް އެހާމެ ޗަކަ. ވިއްސާރަ މޫސުމެއް ވިއްޔާ މަގުތަކުން ހިނގާބިނގާވެ އުޅުމަކީ އުނދަގޫކަމެއް. މަގުތައް މިހެން އޮތުމުން ދުއްވާ އުޅަނދުފަހަރުތަކާއި އާންމުންގެ ސިއްހަތަށްވެސް ނޭދެވޭ އަސަރުތައް ކުރޭ. މައިބަދައިގެ މައްސަލަތައް ކުރިމަތިވުން ފަދަ ކަންކަން މިކަމުގެ ސަބަބުން ކުރިމަތިވޭ. ފެން ހިންދާ ނިޒާމެއް ހުއްޓެއް ކަމަކު، ރަށުގެ ތެރޭގައި އޮންނަ ފެންގަނޑު އެއްކޮށް ހިދެން ދެތިން ދުވަސް ވެސް ނަގާ" ފުވައްމުލަކުގެ މަގުތަކުގެ ހާލަތު ވިދާޅުވެދެއްވަމުން އެ ރަށުގެ ކުރީގެ ބޮޑު ކަތީބު، މުނީރު ހަސަން "ވަން" އަށް ވިދާޅުވިއެވެ.

މުނީރު ވިދާޅުވި ގޮތުގައި ފުވައްމުލަކު މަގުތަކުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫނެވެ. އެއީ ޒަމާނުއްސުރެ ވެސް އެރަށުގެ ހާލަތެވެ.

"އަޅުގަނޑުމެންގެ މި ރަށް އުފެދިފައި މި އޮންނަ ގޮތުން އަސްލު ބޮޑަށް ފެންބޮޑު މިވަނީ. އެއީ ރަށުގެ ހޭޅިފަށުގެ ފަސްގަނޑު އުސްވާނެ ރަށުގެ އެތެރޭގެ ފަސްގަނޑަށް ވުރެ. އެހެންވެ، ރަށުގެ މެދަށް މި އޮންނަނީ ވަރަށް ބޮޑަށް އަޑިކޮށް. ދެން މިގޮތަށް ރަށް އުފެދިފައި އޮންނާތީ ވެހޭ ހުރިހާ ވާރެއެއް މި އަންނަނީ ރަށުގެ ތެރެއަށް ފައިބައިގެން" މުނީރު ވިދާޅުވިއެވެ.

ފުވައްމުލަކު މަގުތަކުގައި ވަޅުގަނޑުގަނޑު ހެދިފައި ހުންނާތީ އެކަމުގެ ގެއްލުން ވަނީ އެމަގުތަކުން ހިނގާބިނގާވެ އުޅޭ މީހުންނަށް އެކަންޏެއް ނޫނެވެ. ފުވައްމުލަކުގައި ވެހިކަލް ދުއްވާ މީހުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީއެވެ.

"މިރަށުގައި އާންމުކޮށް، ކޮންމެ ގެއެއްގައިވެސް ހުންނާނެ ތިން ހަތަރު ސައިކަލު. އަދި ލޮރީއާއި ޕިކަޕާއި ކާރުވެސް ގިނަ އަދަދަކަށް ދުއްވާ ރަށެއް މިއީ. އެކަމަކު މަގުތައް މިއޮންނަ ގޮތުން އުޅަނދުގެ އުމުރު އެތައްތަނެއް ކުރުވޭ. އަބަދު އޮންނާނީ ޝޮކުތައްވެސް ބަދަލުކުރަން ޖެހިފަ" ފުވައްމުލަކުގެ ރައްޔިތަކު "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗުގެ މެނޭޖަރު އަޝްރަފް ނުއުމާން ވިދާޅުވީ، ރަށުގެ މަގުތައް ހަލާކުވެފައި އޮތުމުން އެކަމުގެ ގެއްލުން އިންތިހާއަށް ކުރިމަތިވާ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި، މަގުތަކުގައި ވަޅުގަނޑުތައް ގިނަވުމުގެ ސަބަބުން އެ މަގުތަކުގެ ބޭނުން ކުރާ ބައެއް މީހުންނަށް މައިބަދައިގެ މައްސަލަތައްވެސް ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ މައިބަދައަށް ލިބިފައި މިވާ ގެއްލުމަކީވެސް ހަމަ މަގުތަކުގައި ވަޅުގަނޑުތައް އެހެން ހުރުމުން ދިމާވި ކަމެއް ކަމަށް. މިހާރުވެސް އެސެސްމަންޓެއް ނުވަތަ ދިރާސާއެއް ހަދައިފިނަމަ ރަށުގެ ގިނަ ބައެއްގެ މައިބަދައަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވެފަ ހުންނާނެއޭ ދަންނަވާލަން ކެރިދާނެ. އެހާވެސް މަގުތަކުގެ ހާލަތު ގޯސް" އަމިއްލަ ތަޖުރިބާ ހިއްސާކުރަމުން އަޝްރަފު ނުއުމާން ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުންވެސް ފާހަގަކުރައްވާ ގޮތުގައި، އެރަށުގެ މަގުތަކަކީ މިހާރު ބޭނުން ކުރުމަށް އެންމެ އެކަށީގެންވާ މަގުތަކެއް ނޫނެވެ. ޗަކަ ހެދުމާއި، ފެންބޮޑުވުމާއި އެފަދަ އެތައް މައްސަލައެއް އެ މަގުތަކުގައި ހުރިއިރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދިގެން ދިއުމަކީ ކައުންސިލްގެވެސް އުންމީދެވެ. ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ، މަގުތަކުގެ ހާލަތާ މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.

"ސައިކަލުތަކުގެ ޝޮކު ބަދަލުކުރުން، ކެލެޖު އުޅަނދެއް ނަމަ ކެލެޖު ޕްލޭޓުތަކުގައި މައްސަލަ ޖެހުން. އުޅަނދުތަކުގެ ހަން ފަޅައިގެން ދިއުން. މިހެން ގޮސް ވަރަށް ގިނަ ގެއްލުންތައް މަގުތައް މިހެން އޮތުމުގެ ސަބަބުން ރަށުގެ އާންމު ރައްޔިތުންނަށް ލިބޭ" ޟިރާރު ވިދާޅުވިއެވެ.

ޟިރާރު ވިދާޅުވި ގޮތުގައި ރަށުގައި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން ދައުލަތަށް ޓެކްސް ދައްކާއިރު، މަގުތަކުގެ ސަބަބުން ވާ ގެއްލުންތަކުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުންނެވެ. އެގޮތުން މަގުތައް އެހެން އޮތުމުން ވާ އެކްސިޑެންޓްކުގެ ފުރިހަމަ ޒިންމާވެސް ސަރުކާރުން ނަގަން ޖެހޭކަމުގައި އޭނާ ވިދާޅުވިއެވެ.

ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދި، ތާރު އެޅިގެން ދިއުން ވެގެންދާނީ ޒަމާނުއްސުރެ އެރަށުގެ ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަށް ވުން ކަމުގައި އެރަށުގެ އިސް ރަށްވެހިން ދެކެއެވެ.

"މަގުތަކުގައި ތާރު އެޅިގެން ދިޔައީމާ މި ރަށަށް ވުރެ ވަކި ރީތި ރަށެއް ރާއްޖެއަކު އޮންނާނެ ހެން ހިޔެއް ނުވޭ. މިއީ ހުވަފެނެއް ހަގީގަތަށް ވުން ކަހަލަގެ ކަމެއް. މުސްތަގުބަލުގައި މިތަނަށް ވެހިކަލްތައް އިތުރުވަމުން އަންނައިރު، ރަށުގެ މަގުތައް ހެދިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް" ފުވައްމުލަކުގެ ކުރީގެ ކަތީބު މުނީރު ހަސަން ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު ޟިރާރު ވެސް ވިދާޅުވި ގޮތުގައި، ރަށުގެ މަގުތަކުގައި ތާރު އެޅިގެން ދިއުމުން އިގްތިސޯދީ ގޮތުންވެސް ރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

"މަގުތައް ހެދުމަކީ އެންމެ އަސާސީ އެއް ކަންތައް. މަގުތަކާއި އެކު ރަށުގެ އިގްތިސޯދުވެސް ކުރިއަރައިގެންދާނެ. ވިޔަފާރިތައް އިތުރުވެގެންދާނެ" ޟިރާރު ވިދާޅުވިއެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާއެވެ. ނަމަވެސް އެ މަސައްކަތް އެކުންފުނިން ނުކޮށް ގިނަ ދުވަސްތަކެއްވުމުން މި ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުން އަންނައިރު، އެރަށުގެ އެންމެ ބޮޑު އެއް މަގުކަމަށްވާ ނައިބު ތުއްތު މަގުގައި މިހާރު ވަނީ ތާރު އަޅައި ނިމިފައެވެ. އެ މަގު މިހާރު ވަނީ ބޭނުންކުރަން ވެސް ފށައިފަ އެވެ. ރައްޔިތުންގެ އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ރަށުގެ އެހެން މަގުތައްވެސް އޮމާންވެ، ހިތްފަސޭހަ މަގުތަކެއްގައި ހިނގާބިނގާވެ އުޅުމާއި އުޅަނދުތައް ދުއްވުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.