ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު މިއަދު ގެއަށް ދޫކޮށްލައިފިއެވެ.

ޝިޔާމް ގެއަށް ދޫކޮށްލީ ހަތަރު ދުވަހު އެޑްމިޓްކޮށް ފަަރުވާ ދިނުމަށްފަހުއެވެ.

ސިޔާމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ ބުދަ ބޭއްވި މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށް އާދަޔާ ހިލާފަށް ހުން ގަދަވެ، މަޖިލީހުގައި މަޑު ކުރެއްވޭވަރު ނުވެގެންނެވެ. އޭޑީކޭއަށް ގެންގޮސް ޝިޔާމްގެ ބައެއް ޓެސްޓުތައްވެސް ހެދިއެވެ.

ޝިޔާމަށް ސްޓްރޯކެއް ޖެހުނުކަމުގެ އަޑުތައްވެސް ފެތުރުނެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ބުރާސްފަތި ދުވަހު ޝިޔާމް ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އިދިކޮޅު ޕީއެންސީއާއި ޕީޕީއެމް ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޝިޔާމްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާއި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ޝިޔާމް މިއަދު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.