"އަންހެން ދަރިފުޅު ބޮޑުވެގެން މީހަކާ އިނދެފި! އަހަރެމެން މުސްކުޅިވެއްޖެ! ރަށަށް ގޮސް އުޅެވޭނެ ގޮތެއް ނެތް، މައިފުށު ގޯތީގައި ތަނެއް ނެތް. މާމަ ކުދީންނާ އެކު ރަށުގައި އުޅެވޭނެ ދުވަހެއްގެ އިންތިޒާރުގަ 20 އަހަރު މިދިޔައީ. މިހާރު އެކަމަކު އުއްމީދެއް ލިބިއްޖެ. ދެން ހީވަނީ ލަހެއް ނުވެ ގޯތި ދޭނެހެން." މާފުށީ ބިން ހިއްކުމުން އުއްމީދު އާވެފައި ހުރި އުމުރުން ދުވަސްވީ އަންހެނަކު އޭނާގެ ވާހަކަ ފެށީ މިހެންނެވެ.

އޭނާ ގަބޫލު ކުރާ ގޮތުގައި ފާއިތުވެ ދިޔަ ސަރުކާރުތަކުން ވަނީ މާފުށްޓާ މެދު ވަރަށް ބޮޑަށް އިހުމާލު ވެފަ އެވެ. ސިޔާސީ ސަބަބުތަކަށް ޓަކައި މާފުށި ބާކީކޮށް އެކަހެރިކޮށްފައި އޮތް އޮތީ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެކަމަކު މާފުށީ ރައްޔިތުން ތިބީ އަބަދުވެސް އެމީހުންގެ ގޮތުގައި ކަމަށާއި އެއީ ތަރައްގީއަށް ލޯބިކުރާ، އެކަމަށް ހިތްވަރުދީ އެއްބާރުލުން ވެސް އެންމެ ފުރިހަމައަށް ދޭ ރައްޔިތުން ތިބި ރަށެއް ކަމަށް އޭނާ ދެކެ އެވެ.

"މިއަދު ބައްލަވާ! މާފުށްޓަކީ މުޅި ރާއްޖޭން ވެސް އެންމެ ގިނަ ޓެކްސް ދައްކާ ރަށް. އެންމެ ގިނަ ބޭރުފައިސާ ރާއްޖެއަށް ވައްދައިދޭ ރަށް. އެންމެ ގިނަ ފަތުރުވެރީން އަންނަ ރަށް. ސަރުކާރުތަކުން މާފުށްޓަށް ބޮޑަށް އަޅައިލި ނަމަ މިއަށްވުރެވެސް ފުރިހަމަ ވީސް." ވިޔަފާރީގައި ވެސް ހަރަކާތްތެރިވާ އެ މީހާ ބުންޏެވެ.

އެއީ ރަނގަޅު ވާހަކަ އެކެވެ. މާފުށްޓަކީ މިއަދު ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކާ ރަށަށް ވެދާނެ އެވެ. ނުވަތަ އެއީ އެންމެ ގިނައިން ޓެކްސް ދައްކާ އެއް ރަށަށް ހަމަގައިމުވެސް ވާނެ އެވެ. މާފުށްޓަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެންގެން ހިންގާ ގެސްޓުހައުސް އެންމެ ގިނަ ރަށެވެ. 42 ގެސްޓްހައުސް އެ ރަށުގައި ހުރި އިރު އެއީ 1600 އެނދެވެ. ރާއްޖޭގެ އެވްރެޖް ރިސޯޓު ސައިޒަށް ބަލާ އިރު އެއީ ގާތްގަނޑަށް ފަހެއް ނުވަތަ ހަ ރިސޯޓެވެ. ބައިނަލްއަގުވާމީ މުޖުތަމައު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް "މޯލްޑިވްސް"ގެ ނަމުން ދަންނަ އިރު، "މާފުށި" އެއީވެސް ފަތުރުވެރީންގެ މެދުގައި އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މޯލްޑިވްސް ނުޖަހައި ބުކިން އިންޖީން ތަކުގައި ހަމައެކަނި "މާފުށި" ޖަހައިގެން ކޮޓަރި ހޯދާ ފަތުރުވެރީން ދުނިޔޭގައި ގިނަ އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މާފުށްޓަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ ވަރުގަދަ އެއް ބްރޭންޑެވެ.

މި ވަރު ރަށަކަށް އެންމެ ފުރިހަމަ ވަސީލަތްތައް ނުލިބި "ބާކީ" ކޮށްލާފައި އޮތް އޮތުމަކީ އެރަށު ރައްޔިތުންގެ އެތައް އަހަރެއް ވާންދެން ކުރަމުން އައި ބޮޑު ޝަކުވާއެކެވެ. އެ ރަށުން ގޯތި ދޫނުކުރާތާ 20 އަހަރު ވެފައިވާ އިރު، އެންމެ ފަހުން ގޯއްޗަށް ހުޅުވައިލުމުންވެސް 700 އަށްވުރެ ގިނަ މީހުން ގޯއްޗަށް އެދި ސިޓީ ލިއެވެ. މާފުށީ ބިމުގެ މިހާރުގެ ސައިޒަކީ 42 ހެކްޓަރު ކަމަށްވީ ނަމަވެސް، އެ ބިމުން 15 ހެކްޓަރު ޖަލުގެ ބޭނުމަށް ހުސްކޮށްފައި ވެއެވެ. އިސްލާހިއްޔާ ހުންނަ މަރުކަޒަކީ 4.2 ހެކްޓަރުގެ ބިމެކެވެ. މީގެ އިތުރުންވެސް ސަރުކާރުގެ އެކި ބޭނުންތަކަށް ބިންތައް ދޫކުރުމަށްފަހު ދިރިއުޅުމަށް ދޫކޮށްފައިވަނީ 23 ހެކްޓަރުގެ ބިމެވެ.

މާފުށީގެ ދެކުނު ފަރާތުން ރަށާއި 400 ވަރަކަށް ފޫޓު ދުރުން ފެށިގެން 25 ހެކްޓަރުގެ ބިން މިހާރު ހިއްކައި ނިންމާލާފައިވާ އިރު، އެ މަސައްކަތް މިސަރުކާރުން ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މަހާޖައްރާފު ބޭނުންކޮށްގެން ބިން ހިއްކުމުގެ ކަންކަން އެއްކޮށް ނިންމާލާފައިވާ އިރު، އެމްޓީސީސީން މިހާރު ކުރިޔަށް ގެންދަނީ ހިއްކި ބިމުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.

އާ މާފުށީގެ ސައިޒަކީ 25 ހެކްޓަރުކަމަށް ވާއިރު، މިއީ މިހާރުގެ މާފުށީގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ސަރަހައްދަށްވުރެ ބޮޑު ބިމެކެވެ. ރަށުގެ ރަށްވެހީންގެ ގޮތުގައި 2028 މީހުން ތިބި އިރު، މި ވަގުތަށް ގޯއްޗަށް ޝަރުތު ހަމަވާ އެންމެނަށްވެސް އެ ބިމުން އެއްވެސް ދަތިކަމެއް ނެތި ގޯތި ދޫކުރެވޭނެ ކަމަށް މާފުށީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު "ވަން" އަށް ވިދާޅުވި އެވެ.

"އަލަށް ހިއްކި ބިމުން 500 ގޯތި ދޫކުރާނެ ކަމަށް މައުލޫމާތު ލިބިފަ އޮތީ. ޝަރުތު ހަމަވާ އެންމެނަށްވެސް އެވަރުން ގޯތި ދެވޭނެ." އުސްމާން ވިދާޅުވި އެވެ.

އުސްމާން ވިދާޅުވީ އެ ރަށުން ގޯތި ނުދޭތާ 20 އަހަރުވެއްޖެ ކަމަށާއި ރަށުން އަވަހަށް ގޯތި ލިބުމަކީ ރައްޔިތުން އެދިއެދި ތިބި ކަމެއް ކަމަށެވެ. ގޯތި ނުދީ މިހާ ގިނަ ދުވަސްވުމުގެ ސަބަބުން ބައެއް ކަހަލަ އިޖުތިމާއީ މައްސަލަތައްވެސް ނުކުންނަމުންދާ ކަމަށް އުސްމާން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި އާއިލީ މައްސަލަތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ ދިރިއުޅެވޭނެ ތަނެއް، އަމުދުން ރަށްފުށުގައި ނަމަ ބިންކޮޅެއް ލިބުމަކީ ރަށްޔިތުން ނުހަނު އެދޭ ކަމެއް. މިރަށުން އެންމެ ފަހުން ގޯތި ދިނީ 2000 ވަނަ އަހަރު. މިހާރު މިވީ 20 އަހަރު. މީހުން ދިރިއުޅުމަށް ދޫކޮށްފަ މިއޮތީ އެންމެ 296 ގޯތި." އުސްމާން ވިދާޅުވި އެވެ.

އާ މާފުށި ހިއްކާފައި ވަނީ މާފުއްޓާ ނުގުޅުވައި މުޅީން ތަފާތު ކޮންސެޕްޓަކަށެވެ. މިހާރު ގެ މާފުށި އާ މާފުށްޓާ ގުޅުވައިލާން ނިންމާފައި ވަނީ 400 ވަރަކަށް ފޫޓުގެ ބުރިޖަކުންނެވެ. އެ ބުރިޖު ދަށުގައި މޫދު އޮންނަ ގޮތަށް ޑިޒައިންކޮށްފައި ވާއިރު، ބުރިޖު ދަށުން ކުދި އުޅަނދުފަހަރަށް ދަތުރުވެސް ކުރެވޭނެ އެވެ. މިއީ މި ފަދަ ކޮންސެޕްޓަކަށް ރާއްޖޭގައި ހިއްކައި ގުޅައިލެވޭ ފުރަތަމަ ރަށަށް ވާނެ އެވެ.

މީގެ އިތުރުން، މާފުށީގެ "ދަރި" ވަށްމާފުށި ވެސް މާފުށީގެ ރައްޔިތުންނަށް އަލުން ހަދިޔާކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. ވަށްމާފުށްޓަކީ މާފުށީގެ އިރު އުތުރު ކަންމަތީގައި އޮތް ކުޑަކުޑަ ފަޅުރަށެކެވެ. މާފުށީ ފަޅުގައި އޮތް ގާތްގަނޑަކަށް ދޮޅު ހެކްޓަރުގެ އެ ރަށަކީ މާފުށީ ރައްޔިތުންގެ އިތުރުން މާލެއިންނާއި އެހެން ރަށްރަށުން ވެސް ގިނަ އަދަދެއްގެ ރަށްޔިތުން ދަތުރުގޮސް އުޅުނު ރަށެކެވެ. އެ ރަށް ގިރާލީ 2004 ވަނަ އަހަރު މުޅި ރާއްޖެ ދޮވެލި ސުނާމީގަ އެވެ.

"ވަށްމާފުށި އަލުން ލިބުމަކީ ވަރަށް އުފާވެރި ކަމެއް. އަހަރެމެންނަށް ދަތުރުޖައްސާލެވޭނެ ގޮތެއް މިހާރަކު ނޯވޭ. ފެމިލީތަކަށް ވެސް މިކަމުން ވަރަށް ހިތްހަމަޖެހުން ލިބޭނެ. ދިވެހި ވެށީގައި އަޅުގަނޑުމެންގެ ދަރީން ބޮޑުވާން ބޭނުންވާ އިރު ދިރިއުޅޭން ޖަޒީރާވަންތަ މާހައުލެއް ހަމަޖެހުމަކީ ވަރަށް މުހިންމު ކަމެއް." މާފުށީ ޒުވާނަކު އޭނާގެ ހިތްހަމަޖެހުން ފާޅުކުރަމުން ބުންޏެވެ.

މިހާރު ޕްލޭން އޮތް ގޮތުން ނަމަ، ވަށްމާފުށި ހިއްކާނީ ކުރީންވެސް އެރަށް އޮތް ސަރަހައްދުގަ އެވެ. އެރަށް ގިރާލާފައި ވީ ނަމަވެސް ރަށުގެ އާނުގަނޑު މިހާރުވެސް އެބައޮތެވެ. އެރަށް އަލުން ހިއްކާއިރު ވެސް ބާއްވަން ނިންމާފައި ވަނީ ރަށާ ގުޅުވައި ނުލަ އެވެ. ފަޅުމަތީން ހިނގާފައި ވެސް ދެވޭނެ އެވެ. އަދި މޫދު އުޅަނދުފަހަރުގައި ވެސް ދެވޭނެ އެވެ. އެރަށުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ކައުންސިލްގެ ރައީސް އުސްމާން ވިދާޅުވި އެވެ. އަލަށް ހިއްކާއިރު ކުރީގެ ސައިޒަށްވުރެ ދެގުނަވަރު ބޮޑުކޮށް، ތިން ހެކްޓަރު ހިއްކަން ވަނީ ނިންމައިފަ އެވެ.

ކޮންމެއަކަސް މާފުށީން ރައްޔިތުން މިއަދު އެތިބީ އުފަލުންނެވެ. އާ މާފުށި ހިއްކައި ނިމުމާއި އެކު، ގެއްލުނު ވަށްމާފުށީވެސް ލިބޭތީ އެރަށު ރަށްޔިތުން ތިބީ ހެވިފަ އެވެ. ރަށުގެ އެތައް ރައްޔިތުން ތިބީ އަވަހަށް ރަށަށް ދެވި ޖަޒީރާވަންތަ ދިރިއުޅުމެއް އުޅެން ފެށޭނެ ދުވަހެއްގެ ފޮނި އުއްމީދުގަ އެވެ.