ކޮވިޑް ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި އިމިއުނިޓީ ފަސް މަހަށް ދެމިހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ އީކަން ސްކޫލް އޮފް މެޑިސިން އިން ހަދާފައިވާ ދިރާސާއިން ދައްކާގޮތުން މި ދިރާސާގައި ބައިވެރިވި 90 އިންސައްތަ މީހުންގެ ހަށިގަނޑުގައި ކޮވިޑް ވައިރަހާ ދެކޮޅު އިމިއުނިޓީ ގިނަ ދުވަސްތަކެއް ވަންދެން ހުންނަކަން ވަނީ ސާބިތު ވެފަ އެވެ.

މި ދިރާސާއިން ދައްކާގޮތުން ހަށިގަނޑުގައި ކޮވިޑާ ދެކޮޅަށް އިމިއުނިޓީ ފަސް މަސްދުވަސް ވަންދެން ހުންނާނެ އެވެ. އަދި ފަސް މަހަށްވުރެ ގިނަ ދުވަހަށް ހުރުންވެސް އެކަށީގެންވާ ކަމަށް ދިރާސާ ކުރި ޓީމުން ބުނެފައި ވެއެވެ.

ދިރާސާ ޓީމުން ވަނީ ކޮވިޑަށް ޕޮޒިޓިވް 30،000 މީހުންގެ ހަށިގަނޑުގައި އިމިއުނިޓީ ހުންނަ ވަރާއި އަންނަ ބަދަލުތައް ދިރާސާކޮށް ދެނެގަނެފަ އެވެ. އަދި މީގެ އިތުރުން ކޮވިޑުން ރަނގަޅުވެފައިވާ 121 މީހެއްގެ ލޭ ޕްލަސްމާ ނަގައި ފުރަތަމަ ތިން މަސްދުވަހު އަދި އެއަށްފަހު ފަސްވަނަ މަހު ޓެސްޓު ކޮށް ހާލަތު ބަލައިފައެވެ.

މިއީ ކޮވިޑުން ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ބަލިން ދިފާއު ވުމުގެ ބާރު މިހާ ދިގުމުއްދަތެއް ވާންދެން ދެމިހުންނަ ކަމަށް އެނގުނު ފުރަތަމަ ދިރާސާ އެވެ.