އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް އިއްޔެ ކުރެއްވި ދަތުރުގައި މަސައްކަތްކުރެއްވީ ރާއްޖެ އާއި ޗައިނާ ދޭތެރެ ޖައްސަން ކަމަށް ބުނެ ޗައިނާ އިން ހޫނު ރައްދެއް ދީފިއެވެ.

ޕޮމްޕެއޯ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު އިއްޔެ ބޭއްވެވި ޕްރެސް ބްރީފިންގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ބޮޑަށް ފާޑުވިދާޅުވެފައިވަނީ ޗައިނާގެ ހާރިޖީ ސިޔާސަތުތަކާއި އިގުތިސޯދީ ސިޔާސަތުތަކާއި ތިމާވެށި ހިމާޔަތް ކުރުމުގެ ސިޔާސަތުތަކަށެވެ. އެގޮތުން ޕޮމްޕެއޯ ވިދާޅުވީ، ޗައިނާގެ އަމަލުތައް ހުރި ގޮތުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށެވެ. އަދި ޗައިނާގެ ކުންފުނިތަކުން ކަނޑަށް ކުނި އަޅައި ތިމާވެއްޓަށް ގެއްލުންދެމުންދާ ކަމަށް ވެސް ޕޮމްޕެއޯ ތުހުމަތު ކުރެއްވިއެވެ.

ޕޮމްޕެއޯގެ އެ ވާހަކަތަކަށް ރައްދުދީ، ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، ޕޮމްޕެއޯގެ ދަތުރުގައި ވަރުބަލިކަމެއް ނެތި ފެތުރުއްވީ ޗައިނާއާ ބެހޭ ދޮގު ވާހަކަ ކަމަށާއި އޭނާ މަސައްކަތްކުރެއްވީ ޗައިނާ އާއި ރާއްޖެ ދޭތެރެ ޖެއްސުމަށް ކަމަށެވެ.

"އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ސުލްހަވެރި އަދި ހަމަޖެހޭ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް." ޗައިނާގެ ދިގު ބަޔާނުގައި ބުންޏެވެ.

ޗައިނާގެ ބަޔާނުގައި ބުނީ، ކުދި ގައުމުތަކަށާއި މެދު ފަންތީގެ ގައުމުތަކުގައި މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ބަދަލުގައި ވަކި ފަރާތަކަށް ނުވަތަ ވަކި ގައުމަކަށް ޖެހުމަށް ޕޮމްޕެއޯ ފާޅުގައި ބާރު އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ޗައިނާ އާއި އެމެރިކާއާ ދެމެދު އެންމެ ބޮޑު އަރައިރުމެއް އޮތީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދެއްގެ މިލްކުވެރިކަމާ މެދު ޗައިނާއިން ކުރާ ދައުވާއާ ހެދިއެވެ. ޕޮމްޕެއޯ ވަނީ ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދު އަސްކަރީ ގޮތުން ބޭނުންކުރާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދުދީ ޗައިނާއިން ބުނީ، ޗައިނާގެ އެ ސަރަހައްދު އަސްކަރީ ގޮތުން ބޭނުންކުރަން ޖެހުނީ އެމެރިކާ އިން ޗައިނާގެ ސަރަހައްދުގެ ކައިރީގައި އަސްކަރީ ހަރަކާތްތައް ހިންގަން ފެށުމުން ކަމަށެވެ.

ތިމާވެށީގެ މައްސަލައިގައި ޕޮމްޕެއޯ ޗައިނާއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން ޗައިނާގެ ބަޔާނުގައި ބުނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޗައިނާއިން އަންނަނީ ނޭޝަަނަލް ކްލައިމެޓް ޗޭންޖް ސްޓްރެޓެޖީއަކަށް އަމަލުކުރަމުން ކަމަށާއި 2060 ވަަނަ އަަހަރާ ހަަމައަށް އެގައުމަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމެރިކާއަކީ ތިމާވެއްޓާއި ބީރައްޓެރި ގައުމެއްކަން ފާހަގަކޮށް ޗައިނާއިން ބުނީ، އެމެރިކާ ވަނީ ތިމާވެށީގެ ހިމާޔަތަށް ހަދާފައިވާ ޕެރިސް އެގްރިމެންޓުން ވެސް ވަކިވެފައި ކަމަށެވެ.

ރާއްޖެއަށް ޕޮމްޕެއޯ ކުރެއްވި ޒިޔާރަތުގައި ދެ ގައުމުގައި އެމްބަސީއެއް އެޅުމަށް ވަނީ ނިންމައިފައެވެ. އަދި ޕޮމްޕެއޯގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.