އިނގިރޭސިވިލާތުގައި މިވަގުތު އެންމެ ގިނަ ބަޔަކު ދައްކާނެ ވާހަކައަކީ މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑު ވާހަކަ އެވެ. ރޭ ޗެމްޕިއަންސް ލީގުގައި ރެޑްބުލް ލެއިޕްޒިގް ކޮޅަށް ހެދި ހެޓްރިކާއެކު ރަޝްފޯޑަކީ އެންމެ ބޮޑު ޓްރެންޑެވެ. ހަމައެކަނި ދަނޑު ތެރޭގެ ކަންކަމުގެ ވާހަކައެއް ނޫނެވެ. ފަގީރު އާއިލާތަކުގެ ކުދިންނަށް ހިލޭ ސްކޫލް މީލްސް ބެހުމަށް ރަޝްފޯޑު ކުރަމުން އަންނަ ބުރަ މަސައްކަތަކީ މުޅި އިނގިރޭސިވިލާތުގައި ވެސް މިހާރު ހިންގާ އެންމެ ބޮޑު އެއް ޗެރިޓީ މަސައްކަތެވެ.
ކޮވިޑް-19ގެ ހާލަތުގައި ރަޝްފޯޑު ދެއްކި ނަމޫނާއަށް އިނގިރޭސި ރާނީ ވަނީ އެމްބީއީގެ ހާއްސަ ދަރަޖަ އަރުވައިފަ އެވެ. އެ ކަންކަމުގެ ތެރެއިން ސްކޫލު ކުދިންނަށް ހިލޭ ކެޔުން ބެހުމަށް ރަޝްފޯޑު ސަރުކާރަށް ހުށަހެޅި އެވެ. މަޖިލީހުން އެކަމަށް ނޫނެކޭ ބުނުމުން ވެސް ރަޝްފޯޑުގެ މަސައްކަތް ހުއްޓާލައިފައެއް ނުވެ އެވެ. ކުރީގެ ކުޅުންތެރިންނާއި ކުލަބްތަކުގެ އިތުރުން އެތަކެއް ރެސްޓޯރަންޓްތަކެއް ރަޝްފޯޑުގެ ހަރަކާތުގައި ބައިވެރިވެ މުޅި މީސްމީޑިއާ ފުރާލި އެވެ.
އެތަކެއް ބަޔަކު ރަޝްފޯޑުގެ ކެމްޕޭނުގައި ބައިވެރިވެ، ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރުމަށް ދަނީ ގޮވާލަމުންނެވެ. އެގޮތުން ހިލޭ ކެޔުން ފޯރުކޮށްދިނުމުގެ ކަންކަމުގައި ސަރުކާރުގެ ނިންމުން ބަދަލުކޮށްދިނުމަށް ރަޝްފޯޑު ހުށަހަޅަން ނިންމި ޕެޓިޝަން ހުށަހެޅީ 1.3 މިލިއަން މީހުންގެ ސޮޔާއެކު އެވެ.
އުމުރުން އެންމެ 22 އަހަރުގެ ރަޝްފޯޑް ރޭގެ މެޗުގައި ކުޅެން ނުކުތީ 60 ވަނަ މިނެޓް ފަހުންނެވެ. މެންޗެސްޓާ ޔުނައިޓެޑުން 5-0ގެ ނަތީޖާއަކުން ލެއިޕްޒިގް ބަލިކުރީ ރަޝްފޯޑުގެ ސީނިއާ ކެރިއަރުގެ ފުރަތަމަ ހެޓްރިކާއެކުގަ އެވެ. 16 މިނެޓް ތެރޭގައި ތިން ގޯލު ޖެހި ރަޝްފޯޑަށް ކޯޗު އޮލި ގުނަ ސޮލްސްޖާގެ ތައުރީފު ވަނީ އޮއްސާލައިފަ އެވެ.
"މާކަސް އެ ދައްކަމުން އަންނަނީ ދަނޑު ބޭރުން ކުރާ ބުރަ މަސައްކަތާއެކު ވެސް ދަނޑު ތެރޭގެ ފޯކަސް ވެސް ނުގެއްލޭކަން. މެޗުގައި ދެއްކީ ތަފާތު މޮޅު ކުޅުމެއް،" ސޮލްސްޖާ ބުނެފައިވެ އެވެ.
ރަޝްފޯޑުގެ ހެޓްރިކާއެކު ކުރީގެ ޔުނައިޓެޑް ކުޅުންތެރިން ކަމަށްވާ ރިއޯ ފާޑިނޭންޑް، ގެރީ ނެވިލް ފަދަ ކުޅުންތެރިން ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. ބީބީސީގެ މެޗްޑޭ ޕްރެސެންޓާ ގެރީ ލިނެކާ ބުނެފައިވަނީ ދަނޑު ބޭރުންނާއި އެތެރެއިން ވެސް ރަޝްފޯޑު ހުއްޓުވޭނެ މީހަކު ނެތް ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު