ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީ ކަނޑައެޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ދެ ސިޓީގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑުއާއި ފުވައްމުލައް ސިޓީ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ކަނޑައެޅުމުން އެ ދެ ސިޓީގެ ގުދުރަތީ ވެށި ރައްކާތެރިކުރުމަށް އެހީއަކަށްވެގެންދާނެ ކަމަށެވެ. ރައީސް ވަނީ އެކަމަށްޓަައި ޔުނެސްކޯއަށާއި ޔޫއެންސޫއެން މޯލްޑިވްސްގެ އިތުރުން ޔުނައިޓެޑް ސްޓޭޓް އެޖެންސީ އޮފް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ)އަށް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖޭގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައިވަނީ، މަންތާ އާއި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ބ. އަތޮޅު އެކަންޏެވެ.
އައްޑު އާއި ފުވައްމުލަކަކީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ޔުނެސްކޯއަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެކަމާ ގުޅިގެން އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، މިއީ ވަރަށް ޝަރަފުވެރި ލަގަބެއް ކަމަށާއި ވަރަށް ގިނަ ފައިދާތަކެއް މިކަމުގެ ސަބަބުން ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ އަދި ފުވައްމުލަކަކީ ރީތިކަން ލިބިގެންވާ އަދި އަބަދަށްވެސް ދަމަހައްޓަންޖެހޭ ތަންތަން ކަމަށާއި މިއީ މި ދެ އަތޮޅުގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ކަނޑައެޅުމުގެ ސަބަބުން ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށާއި އަމިއްލަ އުފެއްދުންތައް މާކެޓް ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ބަޔޮސްފިއާގެ ގޮތުގައި ތަރައްގީ ކުރުމުން މާކެޓިން ކުރުމަށްވެސް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ލަގަބަކީ 10 އަހަރު ދުވަހުގެ މުއްދަތަށް ލިބޭ ލަގަބެއް ކަމަށާއި އޭގެ ފަހުން އަލުން ދިރާސާ ކުރެވި ލިޔުންތައް ހުށަހެޅޭނެ ކަމަށެވެ. މި ލަގަބު ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު