އެންޓިބޮޑީ ޓެސްޓް ހެދުން ދެ ދުވަހަށް މެދުކަނޑާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އެންޓިބޮޑީ ޓެސްޓު ހެދުން ކުރިއަށް އޮތް ދެ ދުވަހަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އަލުން ޓެސްޓު ހަދަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށާއި ޓެސްޓް ހެދުމަށް ހޮވިފައިވާ ފަރާތްތައް، އެ ސެންޓަރުތަކަށް ހަވީރު 4:00 އިން ރޭގަނޑު 7:00އާ ދެމެދު ދިއުމަށް އެދޭ ކަމަށެވެ.

އެންޓިބޮޑީ ޓެސްޓުގެ ފުރަތަމަ ބުރު ނިންމައި، ދެވަނަ ބުރު މިހާރު ފަށާފައިވާ އިރު، މި ސާވޭއަށް ޖުމުލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރެވޭނެ ކަމަށް އެޗްޕީއޭ ވަނީ ބުނެފައެވެ.

އެންޓިބޮޑީ ޓެސްޓުގެ ފުރަތަމަ ބުރު ކަމަށްވާ 18 އަހަރުން ދަށުގެ ކުދިންގެ 936 ފަރާތެއްގެ ސާމްޕަލް ނަގާފައިވެއެވެ. އަދި ދެވަނަ ބުރުގައި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެ 1730 ސާމްޕަލް ނަގައި ޓެސްޓުކުރާނެއެވެ.

މީގެ އިތުރުން ތިންވަނަ ބުރުގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންގެއެވެ. އެގޮތުން 1232 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރާނެއެވެ. އަދި އެންމެ ފަހު ބުރުގައި ސާމްޕަލް ނަގާނީ 60 އަހަރުން މަތީގެ މީހުންގެއެވެ. އެގޮތުން 60 އަހަރުން މަތީގެ 200 މީހެއްގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ރެންޑަމްކޮށް ހޮވޭ މީހާ ސާމްޕަލް ދިނުމަށް ދާންޖެހޭނީ ހަވީރު 4:00 އިން ރޭގަނޑު 7:00އާ ދެމެދު މާލޭގައިނަމަ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް ނުވަތަ ފެކަލްޓީ އޮފް އެޑިއުކޭޝަނަށެވެ. ހުޅުމާލޭގައިނަމަ ޖެމްސް ޕްރީ ސްކޫލަށް އަދި ވިލިމާލޭގައިނަމަ ވިލިމާލެ ހޮސްޕިޓަލަށެވެ. އަދި ބަލި ހާލު ހުރިގޮތުން ޓެސްޓުކުރާ ތަނަށް ނާދެވޭ ހާލަތުގައި، އެމީހަކު ހުރި ގެއަކަށް ގޮސް ސާމްޕަލް ނަގާނެއެވެ.