ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ފުޅަދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ ވެސް 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފުޅަދޫގައި 29،167 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 22،694 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތާއި، 223 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ އިތުރުން 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއ، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ އިތުރުން 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 48.2 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެމްޓީސީސީން ބުނެއެވެ.