ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑާ ދެކޮޅަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު ބައެއް ވެކްސިންތައް ވަނީ ޓެސްޓު ތަކުގެ އެކި މަރުހަލާތަކުގައެވެ.

ވެކްސިންތަކުގެ ތެރެއިން ޓެސްޓުތައް ހަދަން ފަށާފައިވާ ޕިފްޒާގެ ވެކްސިން ޓެސްޓުގައި ބައިވެރިވާ އުމުރުން އެންމެ 12 އަހަރުގެ ކުއްޖަކު ވަނީ އޭނާގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ.

ވެކްސިން ޓެސްޓުގައި ބައިވެރިވާ 100 އެއްހާ ކުދިންގެ ތެރެއިން 12 އަހަރުގެ އެ ކުއްޖާގެ ގަޔަށްވެސް ވަނީ އެއް ޑޯޒް ޖަހައިފައެވެ. އަދި ވެކްސިންގެ ސަބަބުން ހަށިގަނޑަށް އަންނަ ބަދަލުތައް ތަހުލީލުކުރުމުގެ މަސައްކަތް ވެސް ވެކްސިން ޓީމުން އަންނަނީ ބަލަމުންނެވެ.

އަބީނާވް ނަމަކަށް ކިޔާ އެކުއްޖާ ވަނީ ސީއެންއެން އަށް އޭނާގެ ވާހަކަތައް ހިއްސާކޮށްފައެވެ. އަބީނާވް ބުނީ އޭނާ ބޭނުންވަނީ އެކުވެރިންނާއެކު ކުރިން ސްކޫލަށް ދިޔަ ގޮތަށް ސްކޫލަށް ދިއުމަށް ކަމަށާއި ކުރީގެ ދިރިއުޅުން ކަމަށެވެ. އަބީނާވް ގެ ސްކޫލްގައި ކިޔަވަދޭން ފަށާފައިވީނަމަވެސް ދުރުދުރުގައި ތިބެން ޖެހުމާއި މާސްކް އަޅަން ޖެހުން ނިމުމަކަށް ގެނައުން އެއީ އޭނާ އެންމެ ބޭނުންވާ އެއްކަމެވެ.

އަބީނާވް ބުނެފައިވާ ގޮތުގައި ކޮވިޑްގެ ސަބަބުން އޭނާގެ މާމައާއި ކާފައާ ބައްދަލުނުވާތާވެސް ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އެއީ އެމީހުންނަށް ދަތުރު ކުރުމުގައި ރިސްކު އޮތީމަ އެވެ. އެހެން ކަމުން މާމައާއި ކާފަ އަވަހަށް ފެނުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

ޕިފްޒާއިން ވަނީ ވެކްސިން ގައި ބައިވެރިވާ ކުދިން ދެބަޔަކަށް ބަހާލައިގެން އެއްބަޔަކަށް ވެކްސިން ދީފައެވެ. އަނެއް ބަޔަށް ޑަމީ ޝޮޓެއް ޖަހާފައެވެ. އަބީނާވް އުއްމީދު ކުރަނީ އޭނާގެ ގަޔަށް ޖަހާފައިވަނީ އަސްލު ވެކްސިންކަމަށް ވުމަށެވެ.

އަބީނާވްގެ ބައްޕަ އަކީ ފިޒީޝަނެކެވެ އޭނާވެސް ވަނީ ޕިފްޒާ ވެކްސިންގެ ޓެސްޓުތަކުގެ ފުރަތަމަ މަރުހަލާގައި ބައިވެރި ވެފައެވެ. އޭނާވަނީ އަބީނާވް މިޓެސްޓުގައި ބައިވެރިކުރުމަށް ނިންމީ އޭނާއަށް ވެކްސިންއާ މެދު އޮތް އިތުބާރުގެ ބޮޑުކަމުން ކަމަށް ބުނެފައެވެ.