ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ބޭރުކޮށްލުމަކީ ޝަރުއީ ދާއިރާ މިނިވަންކުރުމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް ނެތްކަން ހާމަވާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ބިލު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައިގެން ކުރިއަށްގެންދިޔަ ބަހުސްގައި އެމްޑީޕީގެ އެންމެ މެންބަރަކުވެސް ބިލަށް ވާހަކަ ދައްކަވައިފައެއް ނުވެއެވެ. މި ބިލަށް ވާހަކަ ދެއްކެވީ ބިލު ހުށަހެޅުއްވި، ތޯރިގާއި ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ އެމްޑީޕީގެ މެންބަރުން ވަނީ ޕީޕީއެމް އާއި ޕީއެންސީން މި ބިލަށް ވާހަކަދެއްކެވި މެންބަރުންނަށް ހުރަސްއަޅާފައި ކަމަށެވެ. އަދި ޖޭއެސްސީ އިސްލާހުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި ވެރިކަމާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާ ހަމައަށް އެމްޑީޕީން ތަކުރާރުކޮށް ދައްކަމުންދިޔަ ވާހަކައަކީ ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކުރުމުގެ ވާހަކަ އާއި އެމްޑީޕީގެ ވެރިކަމެއްގައި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ވާހަކަ ކަމަށެވެ.
"ނަމަވެސް މި ސަރުކާރަށް ހުރިހާ ބާރެއް ލިބުމުން، މިއަދު އިދިކޮޅު ކޯލިޝަނުން ޖޭއެސްސީ އިސްލާހު ކުރުމަށް ހުށަހެޅި ބިލު ބޭރުކޮށްލުމަކީ ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާ ކުރުމުގެ ނަމުގައި އެމްޑީޕީން ދައްކަމުންދިޔަ ވާހަކަތަކަކީ އެއްވެސް އިހުލާސްތެރި ނިޔަތެއް ނެތި ދައްކަމުންދިޔަ ވާހަކަތަކެއްކަން ހާމަވާ ކަމެއް. އެމްޑީޕީ އާއި މި ސަރުކާރުގެ ނުފޫޒު ޝަރުއީ ނިޒާމަށް އިންތިހާއަށް އޮތްކަމާއި ސިޔާސީ ނުފޫޒުން ޝަރުއީ ނިޒާމު މިނިވަންކުރަން ބޭނުންނުވާކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދިޔަ ކަމެއް،" އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
އިިދިކޮޅުން ބުނީ ޖޭއެސްސީއަކީ ވަކި ހާއްސަ ދުސްތޫރީ ވާޖިބެއް އަދާކުރުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށާއި ގާނޫނުއަސާސީގެ 159 ވަނަ މާއްދާގައި އެކޮމިޝަނުގެ ބާރުތައް ބަޔާންކުރެވިފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ބާރުތައް މަސްހުނިކޮށް، ޖޭއެސްސީ މެދުވެރިކޮށް ރާއްޖޭގެ ޝަރުއީ ނިޒާމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި، ފަނޑިޔާރުންނަށް އިންސާފުވެރި ހުކުމެއް ނުކުރެވޭ މިންވަރަށް ޝަރުއީ ނިޒާމު ޕެރެލައިޒްކޮށްލާފައި ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
ރައްޔިތުންނަށް ވައުދު ވެފައިވާގޮތަށް ޝަރުއީ ދާއިރާ މިނިވަންކުރުމަށާއި ނުފޫޒުން އެއްކިބާވެފައިވާ ޝަރުއީ ނިޒާމެއް ގާއިމުކުރުމަށްޓަކައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް، ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ދެ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ މީހުންގެ ތެރެއިން އެބައި މީހުން އިންތިހާބު ކުރާ މީހަކާއި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ފިރިހެން ގާނޫނީ ވަކީލަކާއި އަންހެން ގާނޫނީ ވަކީލަކާއި ރާއްޖޭގެ ޔުނިވާސިޓިތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބު ކުރާ ދާރިސަކާއި ގާނޫނީ ފަންނު ކިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ރުހުން ދޭ މީހެއް ކަމަށެވެ.
ގާނޫނުއަސާސީ ބުނާގޮތުން މިހާރު ޖޭއެސްސީގައި ތިއްބަވަނީ 10 މެންބަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ދައުލަތުގެ ބަންޑާރަ ނައިބާއި ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު