ގައުމީ ޓީމަށްވެސް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)އާއެކު އަބްދުﷲ ހަނީފް (ބެންޖޯ)ވެސް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އަށް ސޮއި ކޮށްފިއެވެ.
ސަސްއިން ރޭ ބެންޖޯ ސޮއިކުރިކަން އިއުލާން ކޮށްފައިވާއިރު، އެއީ މި ސީޒަނަށް ތައްޔާރުވުމަށް ސަސްއިން ކުރި ތިންވަނަ ބޮޑު ޓްރާންސްފާއެވެ. މީގެ ކުރިން އެޓީމުން ވަނީ ޝާފީ އާއި ބެންޖޯގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގެ ކެޕްޓަންކަން ކޮށް، ކާމިޔާބުތަކެއް ހޯދާފައިވާ އަހުމަދު ފައްރާހް (ފައްރަ)ގެ ސޮއިވެސް ހޯދާފައެވެ.
ކުރިއަށް އޮތް ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ސަސްއިން ފަރިތަކުރުންތަކަށް ތައްޔާރުވަމުން އަންނައިރު، ބެންޖޯ އެ ކްލަބަށް ގޮސްފައި ވަނީ 2017 ވަނަ އަހަރުން ފެށިގެން ޓީސީއަށް ކުޅުމަށްފަހުއެވެ. ޓީސީއަށް މުހިއްމު ކާމިޔާބީތަކެއް ހޯދައިދިން ބެންޖޯ 2005 ވަނަ އަހަރު ކުޅުން ފެށީ ހުއްރިއްޔާއިންނެވެ. އޭގެ ފަހުން ވީބީ، އައްޑޫ އެފްސީއަށް ގިނަ ސީޒަންތަކެއް ކުޅުމަށްފަހު 2012 ވަނަ އަހަރު އީގަލްސްއަށް ބަދަލުވިއެވެ.
އެއް ސީޒަންގައި އީގަލްސްއަށް ކުޅުމަށްފަހު އަނެއްކާވެސް ބެންޖޯ ފެނުނީ ވީބީންނެވެ. އޭގެ ފަހުން އުމުރުން 36 އަހަރުގެ ބެންޖޯ ވަނީ ވެލެންސިއާ އާއި ނިއު ރޭޑިއަންޓްއަށްވެސް ކުޅެފައެވެ. ގައުމީ ޓީމަށްވެސް ބައެއް މެޗުތައް ކުޅުނު ބެންޖޯއަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް މިހާރު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރެވެ. ސެންޓާ ޑިފެންސަށް ކުޅުމުގެ އިތުރުން ބެންޖޯ ވަނީ މެދުތެރޭގެ ބައެއް މަގާމުތަކަށްވެސް ކުޅެފައެވެ.
ދެމެހެއްޓެނިވި ގޮތުގައި ކްލަބު ހިންގުމަށް ސުޕަ ޔުނައިޓެޑުން ހާއްސަ މަސައްކަތްތަކެއްވެސް ކުރަމުން އަންނަކަން ފާހަގަކޮށްލެވޭއިރު، ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)ގެ ހިއްސާ ވެސް އޮންނަ ގޮތަށް އެ ކްލަބުން ވަނީ ސްޕޯޓްސް ކެފޭއެއްވެސް މާލޭގައި ހުޅުވާފައެވެ. ދަގަނޑޭގެ "ގޭދަށު" ކްލަބެއްގެ ގޮތުގައި އޭނާ ސުޕަ ޔުނައިޓެޑް ސިފަކޮށްފައިވާއިރު، އަންނަ ސީޒަންގައި ދަގަނޑޭ އެ ކްލަބުން ފެނުން ވަރަށް ގާތެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު