އޮކްސްފޯޑުން އުފައްދާ ވެކްސިން ޓެސްޓުގައި ބައިވެރިވާ އުމުރުން ދުވަސްވީ މީހުންގެ ނަތީޖާ ރަނގަޅު ކަމަށް ދައްކައިފިއެވެ.

ޔުނިވާސިޓީ އޮފް އޮކްސްފޯޑާއި އިނގިރޭސިވިލާތުގެ އެންމެބޮޑު އެއް ފާމަސޫޓިކަލް ކުންފުނި ގުޅިގެން އުފައްދާ އެސްޓްރާޒެނެކާ ވެކްސިންގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ވެކްސިންގެ ޓެސްޓުތަކުގައި ބައިވެރިވާ ވޮލެންޓިއަރުންގެ ތެރެއިން ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުން ވެކްސިން މަސައްކަތް ކުރާ ރޭޓާއި ވެކްސިންގެ ސަބަބުން ހަށިގަނޑު އިމިއުން ވާ ނިސްބަތް ރަނގަޅުކަމަށް ދައްކައެވެ.

އެސްޓްރާޒެނެކާ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވެކްސިންގެ ޓެސްޓުތަކުގައި ބައިވެރިވާ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ވެކްސިންގެ ސަބަބުން އުނދަގޫ ވުން ފަދަ ކަންކަން ދިމާވުން ވަރަށް މަދުކަން ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑް ޖެހުމުގެ ސަބަބުން އެހެން މީހުންނާއި ހިލާފަށް ހަށިގަނޑުގައި ވައިރަސްގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަމަށް ފާހަގަކޮށްފައެވެ.