ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 3:00 ގައެވެ. އެ ކުށް ސާބިތުވެއްޖެނަމަ، ޑރ. ޒިޔާދަށް އެއް އަހަރާއި ހަތް ހަމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ދާރުލް ޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ކުރީގެ އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ބުނާ މައްސަލަތަކެއްގައެވެ. އެ މައްސަލައިގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ހުށަހެޅީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި ދައުވާކުރުމަށް ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެން ޖެހޭ މައުލޫމާތު ނެތްއިރު، އެ ޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓުގައި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސްޖޭ ކޮންސްޓްރަކްޝަނަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެ ކުންފުންޏަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޒިޔާދުގެ އިތުރުން، ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދިއިރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށްފައެވެ.

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތްކުރަން އެސްޖޭއާ ހަވާލުކުރަން ނިންމި ނިންމުން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އުވާލައިފައެވެ.