މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް އަންނަ މަހު ހުޅުވައިލެވޭވަރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު "ވަން" އަށް ވިދާޅުވީ އުންމީދަކީ އަންނަ މަހުގެ މެދު ތެރޭގައި މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވައިލެވިގެންދިއުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާނެ ތާރީހެއް ނިންމާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަމަށެވެ. ނަމަވެސް ހުޅުވާނެ ވަކި ތާރީހެއް އަދި ނުނިންމަވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގެސްޓް ހައުސްތައް ހުޅުވައިލެވޭނީ ކޮވިޑް ކޭސްތައް މާލެ ސަރަހައްދުން މަދުވާ މިންވަރު ބެލުމަށްފަހު ކަމަށެވެ. އެގޮތުން މިހާރު ކޭސްތައް މަދުވާ މިންވަރަށް ބެލުމަށްފަހު އަންނަ މަހު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވައިލެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ގެސްޓް ހައުސްތައް ގިނަ ދުވަސްތަކަކަށް ބަންދު ކުރުމަށްފަހު މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގެ ގެސްޓް ހައުސްތައް ހުޅުވަން ހުއްދަދީ، މި މަހު 15 ގައި އަލުން ގެސްޓް ހައުސްތައް ވަނީ ހުޅުވާލައިފައެވެ. އެ ދުވަހު ނުވަ ރަށެއްގެ 16 ގެސްޓް ހައުސެއް ވަނީ ހުޅުވައިފައެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވާލާފައިވާ އިރު، އެ ރަށްރަށުގައި ފަތުރުވެރިންނާއި އާންމުން ހިމެނޭ ގޮތުން، އެންމެން މާސްކު އެޅުން އެޗްޕީއޭ އިން ވަނީ މަޖުބޫރުކޮށްފައެވެ.

އޭގެ އިތުރުން އާބާދީގެ ނިސްބަތަށް ބަލައި ގެސްޓް ހައުސްތައް ހުޅުވާ ރަށްރަށުގައި އައިސޮލޭޝަން ފެސިލިޓީ އާއި ކަރަންޓީން ފެސިލިޓީ ގާއިމުކުރަން ޖެހެއެވެ. އަދި ކޮންމެ ގެސްޓް ހައުސްއަކުން ވެސް ހާއްސަ ފޯކަލް ޕޮއިންޓެއް ގާއިމުކުރަން ޖެހޭއިރު އައިސޮލޭޝަނަށް ހާއްސަ ކޮޓަރިތަކެއް ވެސް ހުންނަންޖެހެއެވެ.