Close
ގަވަރުނަރު އަލީ ހާޝިމް

ބްލެކް މާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވަން ގާނޫނަށް މިދަނީ ބަދަލުތައް ގެންނަމުން: ގަވަރުނަރު

އިބްރާހިމް ޒަކީ

ރާއްޖޭގެ ބްލެކް މާކެޓްގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ގާނޫނަށް ބަދަލުތައް ގެންނަމުންދާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްއެމްއޭއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭގޮތުން، މެންބަރުން ކުރެއްވި ސުވާލުތަކަށް ގަވަރުނަރު އަލީ ހާޝިމާއި ޑެޕިއުޓި ގަވަރުނަރު އަހުމަދު އިމާދު ވަނީ ޖަވާބު ދެއްވައިފަ އެވެ.

ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ، ބްލެކް މާކެޓުގައި ޑޮލަރު ވިއްކުމަކީ މަނިޓަރީ ރެގިއުލޭޝަންގެ ގަވާއިދުގެ ދަށުން މަނާކަމެއް ނަމަވެސް އެކަން ހުއްޓުވަން އޮތީ ގާނޫނީ ގޮންޖެހުންތަކެއް ކަމަށެވެ. ނަމަވެސް ގާނޫނުތަކަށް ގެންނަމުންދާ އިސްލާހުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ބޮޑު އަގުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް މަނީ އެކްސްޗޭޖު ކުރާ ތަންތަން މޮނީޓާ ކުރަން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑު އަގުގައި ޑޮލަރު ވިއްކާ ކަމަށް ސާބިތު ކުރުމަކީ ދަތިކަމެއް ކަމަށާއި، ފުލުހުންނާއި ގުޅިގެން އެކަންތައް ކުރިއަށްގެންދާއިރު ފުލުހުން ވެސް އެކަން ފާހަގަ ކުރާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ނަމަވެސް އެ މައްސަލަ ސާބިތުވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.