މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގެ މައްސަލައަށް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ގަވަރުނަރު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތީ އެންމެ ފަހު މަސައްކަތެއްގެ ގޮތުގައެވެ. އެއީ ކޮމިޓީން ހުށަހަޅާ މައްސަލައިގެ ގޮތުގައެވެ. އެގޮތުން އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

އިގުތިސާދީ ކާރިސާ އިން ގައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން އަލީ ހާޝިމް މަސައްކަތް ކޮށްފައިނުވާ ކަމަށް ބުނެ، މާލިއްޔަތު ކޮމިޓީން ވަނީ އަލީ ހާޝިމް ވަކިކުރެއްވުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފައެވެ.

މީގެ ކުރިންވެސް އެ ކޮމިޓީން އެގޮތަށް ނިންމައި މަޖިލީހުގެ ރައީސަށް ސިޓީ ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް އަލުން ފޮނުވިއެވެ.

ޖަވާބުދާރީވުމަށް ގަވަރުނަރަށް މާލިއްޔަތު ކޮމިޓީން ތިން ފުރުސަތު ދިން ނަމަވެސް ކޮމިޓީގެ ޖަލްސާތަކަށް ގަވަރުނަރު ހާޒިރުވެވަޑައިނުގަންނަވައެވެ. އެ މައްސަލައިގައި އެންމެ ފަހުން ގަވަރުނަރު ލިޔުމުން ދެއްވާފައިވާ ޖަވާބުގެ އިތުރަށް އިތުރު ކަމެއް މެންބަރުން ސާފުކުރަން ބޭނުންވާނަމަ ލިޔުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ވަނީ އަންގަވައިފައެވެ.

އެކަމުގައި ލިޔުމުން ޖަވާބުދާރީވުމަށް ގަވަރުނަރަށް އިތުރު ފުރުސަތެއް ދިނުމާއި ގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި ވަނީ ވޯޓަށް އަހައިފައެވެ. އެ ވޯޓުގައި މެންބަރުންގެ އަގުލަބިއްޔަތުން ނިންމީ އިތުރަށް ފުރުސަތެއް ދޭން ނުފެންނަ ކަމަށެވެ.

އެހެންވެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާދޭން ފާސްކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމުގެ ކުރިން ގަވަރުނަރު އަދާކުރަންޖެހޭ ޒިންމާތައް އަދާ ނުކުރާ ކަމަށް ބުނެ، އިދާރާތަކުން ދީފައިވާ ޖަވާބުތައްވެސް ވަނީ ހިއްސާކުރައްވައިފައެވެ.

އެގޮތުން އެމްއެމްއޭ އިން ހަދަންޖެހޭ ގަވާއިދުތައް އަދާހަމަނުކުރުމާއި މާލީ ވުޒާރާއާއި އެމްއެމްއޭއާ ދެމެދު އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި ކަންކަން މިހާތަނަށް ނިންމިފައި ހުރިކަން ފާހަގަކުރެއްވިއެވެ. އެ ހުށަހެޅުން ކޮމެޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމަށް ވަގުތު ކަނޑައެޅުމަށް ރޭ ވަނީ އާންމު ކޮމިޓީގެ ޖަލްސާއެއްވެސް ބާއްވައިފައެވެ. އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 10 މެންބަރުންގެ ތެރެއިން އަށް މެންބަރުންގެ ވޯޓުން ފާސްކޮށްފައިވަނީ މި މައްސަލައިގެ ބަހުސް ވަގުތުގެ ގޮތުގައި އެއް ގަޑިއިރު ކަނޑައެޅުމަށް ފާސްކޮށްފައެވެ.