އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަޝްވަރާ ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން އެގޮތަށް ފާސްކުރީ، ރާއްޖޭގެ އިގުތިސާދީ ކާރިސާ އިން ގައުމު ސަލާމަތް ކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން އަލީ ހާޝިމް މަސައްކަތް ކޮށްފައިނުވާތީ އޭނާ މަގާމުން ވަކިކުރަންޖެހޭ ކަމަށް ބުނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރުމަށް ފަހުގައެވެ.
އެ ރިޕޯޓުގައި ވަނީ އަލީ ހާޝީމް މަގާމުން ވަކިކުރަން ރައީސަށް ލަފާ އަރުވަން ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އެ ކޮމިޓީން އަލީ ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ އަރުވަން ފާސްކޮށް، މަޖިލީހުގެ ރައީސަށް ސިޓީއަކުން ދެންނެވިއެވެ. ނަމަވެސް އެ މައްސަލައިގައި ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މައްސަލަ ދިރާސާކުރުމަށް އަލުން އެ މައްސަލަ މަޖިލިސް ރައީސް ކޮމިޓީއަށް ފޮނުވިއެވެ.
އެކަމާ ގުޅިގެން އެ މައްސަލައިގައި ޖަވާބުދާރީވުމަށް ގަވަރުނަރަށް މާލިއްޔަތު ކޮމިޓީން ތިން ފުރުސަތު ދިން ނަމަވެސް ކޮމިޓީގެ ޖަލްސާތަކަށް ގަވަރުނަރު ހާޒިރުވެވަޑައިނުގެންނެވިއެވެ. އެ މައްސަލައިގައި އެންމެ ފަހުން ގަވަރުނަރު ލިޔުމުން ދެއްވާފައިވާ ޖަވާބުގެ އިތުރަށް އިތުރު ކަމެއް މެންބަރުން ސާފުކުރަން ބޭނުންވާނަމަ ލިޔުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ކޮމިޓީއަށް އެންގެވިއެެވެ.
އެކަމާ ގުޅިގެން ލިޔުމުން ޖަވާބުދާރީވުމަށް ގަވަރުނަރަށް އިތުރު ފުރުސަތެއް ދިނުމާގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި ވޯޓަށް އެހިއެވެ. އެ ވޯޓުގައި މެންބަރުންގެ އަގުލަބިއްޔަތުން ނިންމީ އިތުރަށް ފުރުސަތެއް ދޭން ނުފެންނަ ކަމަށެވެ.
އެހެންވެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާއަށް ލަފާ ދޭން ފާސްކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމުގެ ކުރިން ގަވަރުނަރު އަދާކުރަންޖެހޭ ޒިންމާތައް އަދާ ނުކުރާ ކަމަށް ބުނެ، އިދާރާތަކުން ދީފައިވާ ޖަވާބުތައްވެސް ހިއްސާކުރެއްވިއެވެ.
އެގޮތުން އެމްއެމްއޭ އިން ހަދަންޖެހޭ ގަވާއިދުތައް އަދާހަމަނުކުރުމާއި މާލީ ވުޒާރާއާއި އެމްއެމްއޭއާ ދެމެދު އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި ކަންކަން މިހާތަނަށް ނިންމިފައި ހުރިކަން ފާހަގަކުރެއްވިއެވެ. އެ ހުށަހެޅުން ކޮމެޓީގެ މެންބަރުންގެ އަގުލަބިއްޔަތުން އަނެއްކާ ފާސްކުރިއެވެ.
ކޮމިޓީ ރިޕޯޓުގައި ހުށަހެޅި ގޮތަށް އަލީ ހާޝިމް ވަކިކުރަން ރައީސަށް މަޝްވަރާ ދިނުމަށް މަޖިލީހުން ފާސްކުރީ އެ ވަގުތު ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެެއިން 63 މެންބަރުން ވޯޓު ދެެއްވައިގެންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު