އިޓަލީގެ ކޮވިޑް 19ގެ ކަރަންޓީނު އުސޫލާ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިލާފުވެފައިވާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބެލުމުގެ ދަށުން ތަހުގީގުކުރަން ފަށައިފިއެވެ.
ރޮނާލްޑޯ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވަނީ ގައުމީ ޓީމާއެކު މަސައްކަތް ކުރަމުން ދަނިކޮށެވެ. ޕޮޒިޓިވް ވުމާއެކު ރޮނާލްޑޯ އަމިއްލައަށް އެކަހެރިވެފައިވާއިރު، އޭނާ ވަނީ އަމިއްލަ ޖެޓުގައި އަނބުރާ އިޓަލީއަށް ގޮސް ކަރަންޓީނު ފުރިހަމަ ކުރަން ފަށާފައެވެ. ޕޯޗުގަލްގައި އެއް ދުވަސް މަޑުކުރުމަށްފަހު ރޮނާލްޑޯ އަނބުރާ އިޓަލީއަށް ދިޔަ ދިޔުމާއި ގުޅިގެން އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިސެންޒޯ ޕަޑަފޯރާ ވަނީ ސެރެއާ އޭގެ އޮފިޝަލުންނަށް ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.
"ސިއްހީ އިދާރާތަކުގެ ލަފައެއް ނެތި، ކޮވިޑް ޖެހިފައިވާ މީހަކަށް ދަތުރުކޮށް، އިޓަލީއަށް އެރުމަކީ ހުއްދަ ކަމެއް ނޫން،" އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު، ޕަޑަފޯރާ ވިދާޅުވެފައި ވެއެވެ.
އެކަމުގެ ޖަވާބުގައި ރޮނާލްޑޯ ބުނެފައި ވަނީ އޭނާ އަނބުރާ އިޓަލީއަށް ދިޔައީ ސިއްހީ ހުރިހާ ކަމަކަށް ލަފާ އަހައި، ސިއްހީ މާހިރުންގެ އިރުޝާދާއެކު، އިޓަލީގެ ކަރަންޓީނު އުސޫލުތަކަށްވެސް ފުށުނާރާ ގޮތަކަށް ކަމަށެވެ. އެ މައްސަލައިގައި އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރަށް ރޮނާލްޑީ ވަރުގަދައަށް ރައްދު ދީފައިވާއިރު، ވަޒީރު ވިދާޅުވީ އިޓަލީގެ އުސޫލުތަކަށް ރޮނާލްޑޯ އިހުތިރާމް ކުޑަކުރި ކަމަށާއި، އެކަމުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.
"ރޮނާލްޑޯ ކަރަންޓީނު އުސޫލުތަކަށް އިހުތިރާމް ކުޑަކުރި. އެކަމުގެ ތަހުގީގު ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް އިސްވެ ކުރިއަށް އެބަ ގެންދޭ. ވައިރަސް (ކޮވިޑް 19)އިން ފެނިގެން ދިޔައީ ވަކި މީހަކަށް ވަކި ގޮތެއް ހެދެން ނޯންނާނެ ކަން. އެންމެންވެސް ޕްރޮޓޮކޯލްތަކަށް ފުރިހަމައަށް ބޯލެނބޭތޯ މަސައްކަތް ކުރަނީ. އެހެންވެ ގޭގައި ތިބެ އެތައް ކަމެއް މި ހުއްޓުވާލަނީ،" މިނިސްޓަރު ޕަޑަފޯރާ ވިދާޅުވިއެވެ.
ޕަޑަފޯރާ ވިދާޅުވެފައި ވަނީ އެކަމުގައި ޖަދަލުކޮށް، ރޮނާލްޑޯއަށް ބަހުގެ ހަމަލާތައް ދޭން ބޭނުން ނުވާ ކަމަށާއި، ހާމަކުރެއްވީ ކަން އޮތް ސާފު ގޮތް ކަމަށެވެ.
ސްޕެއިންގެ އިތުބާރު ހިފޭ ނޫހެއް ކަމަށްވާ މަރްކާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޮނާލްޑޯ ދެދުވަސްކުރިން ހެދި ކޮވިޑް ޓެސްޓުން ދެއްކީ އަދިވެސް އޭނާ ރަނގަޅު ނުވާ ކަމަށެވެ. މިހާތަނަށް ލީގުގެ ބައެއް މެޗުތައްވެސް ރޮނާލްޑޯއަށް ގެއްލިފައިވާއިރު، ކްލަބުން އުންމީދުކުރަނީ މާދަމާ ރޭ ބާސާއާ ދެކޮޅަށް ރޮނާލްޑޯއަށް ކުޅެވޭނެ މަގު ފަހިވާނެ ކަމަށެވެ. އުސޫލުތައް ބުނާ ގޮތުން މެޗުގެ 24 ގަޑިއިރު ކުރިން ނަތީޖާ ނެގެޓިވް ވެއްޖެނަމަ ރޮނާލްޑޯއަށް ކުޅެވޭނެއެވެ. ކުރިން އޮންނަ ގޮތުން ހަފްތާއެއް ކުރިން ނެގެޓިވް ވާން ޖެހޭ ނަމަވެސް، މިހާރު ޔޫއެފާއިން ވަނީ 24 ގަޑިއިރަށް ބަދަލު ކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު