ކ. ކާށިދޫން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ، ހަމަ ބުއްދީގައި ހުންނަވައިގެން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫން ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރަން ހަމަޖެހިފައިވާ ވަގުތުގައި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކ.ކާށިދޫ ސަރަހައްދުގެ ބައެއް ރަށްރަށަށް ކޭބަލް ކާރު އެޅުމަކީ، ޖާބިރުގެ އިންތިހާބީ ވައުދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު މިިނިސްޓަރު އަސްލަމާ ސުވާލު ކުރެއްވީ، ކާށިދޫއަށް އޭނާ ހުށާހަޅާ ކޭބަލް ކާރާއި އަދި އެއާޕޯޓްގެ މަސައްކަތް، މިނިސްޓަރުގެ ޕްލޭންގެ ތެރެއަށް ނުލައްވަނީ ކީއްވެތޯއެވެ. އެގޮތުން ކާށިދޫ އާއި ގާފަރާ ދޭތެރޭ ކޭބަލްކާރު އެޅުމަށް ޕްލޭން ކޮށްފައި، ހުށަހެޅުއްވީމަ ދައުލަތުން ސަޕޯޓު ނުދިނީ ކީއްވެތޯ ޖާބިރު ސުވާލު ކުރެއްވިއެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ކާށިދޫން އެއްވެސް ތަނަކަށް ކޭބަލް ކާރު އެޅުމަކީ ހަމަ ބުއްދީގައި ހުރެގެން ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެއީ ފީޒިބަލް ކަމެއްގެ ގޮތުގައި އެކަން ނުކުރެވޭނެ ކަން ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭ ކަމެއް ކަމަށާއި، ކިތަންމެ ބާރަށް ވާހަކަ ދެއްކެވި ކަމުގައިވީނަމަވެސް އެއީ ވާނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމުގައެއް، އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ކަމުގައިވެސް،" މިނިސްތަރު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމްގެ ޖަވާބާ ގުޅިގެން ޖާބިރު ވިދާޅުވީ، ޕެރިހުން ލަންޑަނަށް ޓަނަލުން ދެވޭ ކަމަށެވެ. ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ކާށިދޫ އާއި މާލެއާ ދޭތެރެއަކީ ޕެރިސް ނޫން ކަމަށެވެ.
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް
މުޙައްމަދު އަސްލަމް