ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް، ޖޭމީ ވާޑީގެ ގޯލާއެކު ލެސްޓާ ސިޓީން އާސެނަލް ބަލިކޮށްފިއެވެ.
ރޭ އެމިރޭޓްސް ދަނޑުގައި އާސެނަލްއާ ދެކޮޅަށް ލެސްޓާ ކުޅުނު މެޗު، ލެސްޓާ ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. އެއީ 1973 ވަނަ އަހަރު ފަހުން ލެސްޓާއިން އާސެނަލްގެ ދަނޑުގައި އެޓީމު ބަލިކުރި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގެ ކުރިން އެންމެފަހުން އާސެނަލް ދަނޑުގައި ލެސްޓާއިން ކުރި ހޯދީ 1973 ވަނަ އަހަރުއެވެ.
އުމުރުން 33 އަހަރުގެ ވާޑީ ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން މުހިއްމު ދެ މެޗު ނުކުޅެ ހުރުމަށްފަހުއެވެ. ފައިގެ ކުޑަކަޅުވާއަށް ލިބުނު އަނިޔާއެއްގެ ފަހުން ނުކުޅެ ހުރުމަށްފަހު ވާޑީ ރޭގެ މެޗަށް ނުކުތީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަނިޔާގައި ހުރުމަށްފަހު އެނބުރި އައިސް ވާޑީ ގޯލް ޖަހާފައިވާއިރު، ރޭގެ މެޗުގައި ޖެހި ގޯލަކީ 262 މިނެޓް ގޯލެއް ނުޖެހި ހުރުމަށްފަހު އޭނާ ޖެހި ގޯލެކެވެ.
މެޗުގައި ދެޓީމުންވެސް ހަމަލާތައް މަދުކޮށް ފެނުނުއިރު، ފުރަތަމަ ހާފް ޑޮމިނޭޓް ކުރީ އާސެނަލްއިންނެވެ. އެޓީމު ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ގޯލަށް އަމާޒުކޮށް ނުރައްކާކޮށް ފޮނުވާލީ މަދު ހަމަލާއެކެވެ. ހެކްޓާ ބެލަރިން ދެވަނަ ހާފްގައި ފޮނުވާލި ހަމަލާ ކެސްޕާ ޝޫމައިކަލް ދިފާއުކޮށް ބޭރުކޮށްލިއިރު، އިތުރު ހަމަލާތައް ފެނުނީ ވަނދުކޮށެވެ.
ދެވަނަ ހާފްގައި ކުޅެން ނުކުތް ސެންޖިޒް އުންޑާގެ ޕާހަކުން ވާޑީ ޖެހި ގޯލަކީ އޭނާ ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ޖެހި 11 ވަނަ ގޯލެވެ. އާސެނަލް ކޮޅަށް ވާޑީއަށްވުރެ ގިނައިން ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ވޭން ރޫނީއެވެ. ރޫނީ ވަނީ އާސެނަލް ކޮޅަށް 12 ގޯލް ޖަހާފައެވެ.
ހަ މެޗުން ނުވަ ޕޮއިންޓާއެކު އާސެނަލް ލީގު ތާވަލުގެ 10 ވަނައިގައި އޮތްއިރު، ލެސްޓާ ވަނީ މޮޅާއެކު ހަތަރުވަނައަށް ޖެހިލައިފައެވެ. ލެސްޓާއަށް ހަ މެޗުން ލިބުނީ 12 ޕޮއިންޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު