ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ވޮއިސް އޮފް ޗިލްޑްރެންގެ ފަސް މީހުންނަށް ނަސޭހަތްދިނުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ހައްޔަރުކުރި އެ ފަސް މީހުންނަށް ނަސޭހަތްދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އެމީހުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް ކުރިއަށްގެންދިޔަ އެއްވުމުގެ ބައިވެރިންނަށް ނަސޭހަތް ދިނުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މުޒާހަރާ ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި ތިން އަންހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެންމެން ޖިންސީ ގޯނާއާ ދެކޮޅަށް"ގެ ނަމުގައި މިއަދު ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖު ފަށާފައިވަނީ މަޖީދީމަގު، ހުސްނުހީނާގެ ކުރިމަތިންނެވެ. މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް މިއަދު މުޒާހަރާ ބާއްވާފައި މިވަނީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން އަބްދުﷲ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ހިނގީ "އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭނެ ކަހަލަ ކަމެއް" ކަމަށާއި އެއީ އާންމުންގެ ތެރޭގައި ދައްކަމުން އަންނަ ކަހަލަ ބޮޑު ރޭޕް ކޭސްއެއް ސަފާރީގައި ނުހިނގާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ވޮއިސް އޮފް ޗިލްޑްރެން އިން މީގެ ކުރިންވެސް ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސަފާރީ ރޭޕް ކޭސްއާ ގުޅިގެންވެސް މީގެ ކުރިން މުޒާހަރާތައް ބާއްވާފައިވެއެވެ.