ކުއްލި ޚަބަރު

ޒިޔާދާގެ މަރުގެ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ޝާހު މަހަށް ނުކުމެ އުޅެނިކޮށް މަރުވެއްޖެ

އަލީ ޔާމިން

1

ޒިޔާދާގެ މަރުގެ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު މަހަށް ނުކުމެ އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ޝާހުގެ ހަށިގަނޑު މިވަގުތު އޮތީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ، ޝާހް ހޮސްޕިޓަލަށް ގެނައީ މިރޭ 9:15 ހާއިރު ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައިިއިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ޝާހު މަރުވެފައިވާތާ ގިނައިރުތަކެއްވެދާނެ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޝާހު މަރުވެފައިވަނީ މަހަށް ނުކުމެ އުޅެނިކޮށެވެ. އަދި އޭނާ މަރުވެފައިވަނީ ކުއްލިއަކަށް ކަމަށްވެސް އެނގިފައިވެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ޝާހު މަހަށް ނުކުމެފައިވަނީ ގދ. ތިނަދޫގައި މަސްވެރިކަން ކުރާ ދޯންޏެއް ކަމަށްވާ "ކަޅިރަވަ" ދޯނިންނެވެ. އަދި ޝާހު މަރުވެފައިވަނީ ސިނގިރޭޓެއް ބުއިމަށް ދޯނީގައި ހުރި ޖޯއްޔެއްގައި އިށީންދެގެން އިންދައި ކަމަށްވެސް އެނގިފައިވެއެވެ. ޝާހު މަރުވިކަން އެނގުނީ އޭނާގެ ހަބަރެއް ނުވެގެން ދޯނީގެ ފަޅުވެރިން އައިސް ބެލުމުންނެވެ. އޭރު ޝާހުގެ ހަބަރު ހުސްވެފައިވާ ކަމަށް ދޯނީގެ ފަޅުވެރިންނާ ހަވާލާދީ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"ހެނދުނު މަސް ބާނައިގެން، ކޫއްޑޫއަށް މަސް ކިރަން އައިސް ކޫއްޑޫ ކައިރީގައި އޮއްވާ މިކަމެއް މި ހިނގީ، ގާތްގަނޑަކަށް އިޝާ ނަމާދަށް ގޮވަން ހާއިރު، ޝާހު ދޯނީގައި އިން ޖޯލިފަތީގައި ސިނގިރޭޓެއް ބުއިމަށް އިށީން ގޮތަށް ހަބަރެއް ނުވެގެން ދޯނީގެ މީހުން ބެލިއިރު މިއޮތީ ހަބަރު ހުސްވެފައި. ދެން ވަގުތުން މިގެނައީ ގއ. ވިލިނގިއްޔަށް،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

ޒިޔާދާގެ މަރުގެ މައްސަލައިގައި ޝާހު ތިން އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ވަނީ މިމަހުގެ އެއްވަނަ ދުވަހު ހުކުމްކޮށްފައެވެ.

ޒިޔާދާއަށް ލިބިފައި ހުރި އެކި ކަހަލަ އަނިޔާތަކަށް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވީ 2015 ވަނަ އަހަރުއެވެ. އެ ހާދިސާއާ ގުޅިގެން ޝާހުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ ހަތަރު ދައުވާއެއްކޮށް، 2016 ވަނަ އަހަރު ޝަރީއަތް ކުރަން ފަށައިފައެވެ.

ދައުލަތުން ޝާހުގެ މައްޗަށް ވަނީ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލައިފައެވެ. ނަމަވެސް އެ މައްސަލަތައް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޝާހުގެ މައްޗަށް ހުކުމް ކުރީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.