ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އިދިކޮޅުން މަޖިލީހަށް ހުށަހަޅި މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ މައްސަލައިގެ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގައިދިޔައީ ރޭޕެއް ނޫން ކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއްކުރިކަންވެސް ނޭނގޭ ފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކައަކީ ހޯމް މިނިސްޓްރީއާ ހަވާލުވެ ހުންނެވި ވަޒީރުގެ ހައިސިއްޔަތުން އޭނާގެ ގާބިލުކަމާއި ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
އެ މައްސަލައިގައި ބުނީ، މިނިސްޓަރު އިމްރާންގެ އެ ވާހަކަތަކުގެ ސަބަބުން، ތަހުގީގު ކުރެވެމުން އަންނަ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށް ބެލެވޭ ކަމަށާއި އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީއާއި މި ވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.
މީގެ އިތުރުން، އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ގެއްލުވާލައިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އެކި ގޮތްގޮތަށް އެކި ފޯރަމްތަކުގައި ވާހަކަދައްކަމުންދާތީ، އެއީ ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒު ކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލުކަމާއި ތެދުވެރިކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ބުންޏެވެ. އަދި މިކަންކަމުގެ ސަބަބުން ހަމަހަމަ ކަމާއެކު އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވޭތީ އާއި ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީއާއި އަދި އެ މާއްދާގެ (ކ)ގައި ބަޔާން ކުރެވިފައިވާ ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ އާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭތީ މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ކަމަށް ބުންޏެވެ.
މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ އިރު، އެ މައްސަލަ ވެއްދީ ކިތައް މެންބަރުންގެ ސޮޔާއެކުގައި ކަމެއް އެނގިފައެއް ނުވެއެވެ. މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުން ވާނީ މަދުވެގެން 10 މެންބަރުންގެ ސޮޔެވެ.
ޚަބަރު
ޚަބަރު
ޚަބަރު