ބ. ތުޅާދޫގައި ދޫކުރާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން ނިންމައި، ލިބިފައިވާ ޕޮއިންޓު ހިޔާވެހި ޕޯޓަލުން ބެލޭނެ ގޮތް ހައުސިން މިނިސްޓްރީން އިއްޔެ ހަމަޖައްސައިފިއެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ފޯމު ހުށަހެޅި ފަރާތްތަކުން ހިޔާވެހި ޕޯޓަލަށް ލޮގިންވުމުން، އެ ފަރާތްތަކުން ހުށަހެޅި ފޯމަށް ލިބިފައިވާ ޕޮއިންޓު މިހާރު ފެންނާނެއެވެ.
ލިބިފައިވާ ޕޮއިންޓާ ގުޅިގެން ޝަކުވާއެއް ނުވަތަ އިތުރު ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އިއްޔެއިން ފެށިގެން 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެގޮތުން، އަންނަ ނޮވެންބަރު 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަންޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި އެ ޕޯޓަލް ނޫން އެހެން ގޮތަކުން ހުށަހަޅާ ޝަކުވާތަކާއި، ކަނޑައަޅާފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ޝަކުވާތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ތުޅާދޫގައި އިމާރާތްކޮށްފައިވާ މި 100 ހައުސިން ޔުނިޓަށް ހައުސިން މިނިސްޓްރީން ހުޅުވާލާފައިވަނީ މިއަހަރުގެ ޖެނުއަރީ 11 ގައެވެ. މި ފޯމުތަކުގެ ވެރިފިކޭޝަން ކުރިއަށްގެންގޮސް ނިންމާފައިވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ، ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (ނަންބަރު ޖީ-33/2025) އާ އެއްގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީގެ 4004900 ނަންބަރު ފޯނަށް ގުޅުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.
ބ. ތުޅާދޫ
ބ. ތުޅާދޫ
ބ. ތުޅާދޫ
ކޮމެންޓް