ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެެއިން ވޮއިސް އޮފް ޗިލްޑްރެންގެ ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް ކުރިއަށްގެންދިޔަ އެއްވުމުގެ ބައިވެރިންނަށް ނަސޭހަތް ދިނުމުންވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މުޒާހަރާ ކުރިއަށް ގެންގޮސްފައިވާތީ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެމީހުންގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި ތިން އަންހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ވޮއިސް އޮފް ޗިލްޑްރެންގެ ފައުންޑަރެއް ކަމަށްވާ އިކްލީލާ ހަމީދު "ވަން" އަށް ވިދާޅުވީ ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން އިންތިޒާމްކޮށްގެން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި އެޖަމިއްޔާގެ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމަށެވެ.
"އެންމެން ޖިންސީ ގޯނާއާ ދެކޮޅަށް"ގެ ނަމުގައި މިއަދު ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އިހުތިޖާޖު ފަށާފައިވަނީ މަޖީދީމަގު، ހުސްނުހީނާގެ ކުރިމަތިންނެވެ. މުޒާހަރާ ފަށާފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.
ޖިންސީ ގޯނާއާ ދެކޮޅަށް މިއަދު މުޒާހަރާ ބާއްވާފައި މިވަނީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން އަބްދުﷲ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ހިނގީ "އާންމު ތަނެއްގައި ހުރެފަވެސް ކޮށްލެވޭނެ ކަހަލަ ކަމެއް" ކަމަށާއި އެއީ އާންމުންގެ ތެރޭގައި ދައްކަމުން އަންނަ ކަހަލަ ބޮޑު ރޭޕް ކޭސްއެއް ސަފާރީގައި ނުހިނގާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ވޮއިސް އޮފް ޗިލްޑްރެން އިން މީގެ ކުރިންވެސް ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް މުޒާހަރާތައް އިންތިޒާމުކޮށްގެން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސަފާރީ ރޭޕް ކޭސްއާ ގުޅިގެންވެސް މީގެ ކުރިން މުޒާހަރާތައް ބާއްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު