ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުން އަމަލުކުރޭތޯ ބެލުމަށް މިއަދުން ފެށިގެން މާސް އިންސްޕެކްޝަނެއް ކުރިއަށްގެންދިއުމަށް އެޗްޕީއޭ އިން ނިންމައިފި އެވެ.
މާސް އިންސްޕކްޝަންތައް މިއަދުން ފެށިގެން ކުރިއަށްގެންދިއުމަށް ނިންމައި އެޗްޕީއޭއީ އިން މިކަން އިއުލާނު ކުރީ މިއަދު ކުރި ޓުވީޓެއްގައެވެ.
އެޗްޕީއޭއިން ވަނީ މިކަމާ ގުޅިގެން ހުރިހާ ފަރާތްތަކުންވެސް މި މާސް އިންސްޕެކްޝަންތައް ކުރިއަށްގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިފައެވެ.
މިދިޔަ މަހުގެ ތެރޭ އެޗްޕީއޭއިން ވަނީ ސަރުކާރުގެ އޮފީސްތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށް މާސް އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމައިފައެވެ.
މީގެ ކުރިން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނާއި ސެލޫންތަކާއި ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބަލައި، ގައިޑްލައިނަށް އަމަލުނުކުރާ ތަންތަނާ މެދު ވަނީ ފިޔަވަޅު އަޅައިފައެވެ. އަދި ގައިޑްލައިނާ ހިލާފުވާ ތަންތަން ބަންދުކުރުމަށްފަހު، އެތަންތަން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ގައިޑްލައިނުގައިވާ މިންގަނޑުތައް ފުރިހަމަކުރުމުންނެވެ.
އެޗްޕީއޭގެ ގައިޑްލައިނުގައިވާ ގޮތުން މި ގައިޑްލައިނާ ހިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިރަށް ތަން ބަންދުކުރާނެއެވެ. އަދި ދެވަނަ ފަހަރު 72 ގަޑިއިރަށް ތަން ބަންދުކުރުމާއެކު 1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ތިންވަނަ ފަހަރު ފަސް ދުވަސް ވަންދެން ތަން ބަންދުކުރުމާއެކު 1000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު