ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ޖޭއެސްސީން އިއްޔެ ބުނީ މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު މަގާމުން ވަކިކުރަން ނިންމީ، ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައި ވާތީ ކަމަށެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޝުކޫރު އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުރެގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއްގެ ގޮތުގައި ހުރެ، ހައްޔަރު ކުރި ފަރާތުގެ ގާނޫނީ ވަކީލާއި ވިލިނގިލީ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް ވަކީލުދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި އޭގެ ފަހުން ވިިލިނގިލީ ކެފޭއެއްގެ ތެރޭގައި ވާހަކަދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހަމަ އެ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރި ކަމުގެ ހަމަތަކުން ބޭރުން އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސސީން ބުނެފައިވެއެވެ.

އެހެންކަމުން ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކޮށްފައިވާތީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.

ޝުކޫރު ވަކިކުރަން މަޖިލީހަށް ފޮނުވަން ޖޭއެސްސީން ނިންމިއިރުވެސް އޭނާ ހުރީ ސަސްޕެންޑް ކޮށްފައެވެ. މީގެ އިތުރުން ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަށް މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.