ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓު ބުރާސްފަތި ދުވަހު މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން 42،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ހިއްކުމުގެ މަސައްކަތް ކުރާނެ އެވެ. މީގެ އިތުރުން 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، 91.44 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް މި ޕްރޮޖެކްޓުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އެވެ. މި މަޝްރޫއަކީ 44.31 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.