މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ގްރޭޑް ހަތެއްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

މިއަދު މާލެ ސަރަހައްދުގެ ގްރޭޑް ހަތެއްގެ ކިޔެވުން ފެށި އިރު، މިމަހުގެ ހަތަރު ވަނަ ދުވަހު މާލެ ސަރަހައްދުގައި ގްރޭޑް 9، 10، 11، 12ގެ ކިޔެވުން ވަނީ ފަށައިފަ އެވެ. އަދި މިމަހު 19 ގައި ގްރޭޑް އަށަކަށް ކިޔަވައިދޭން ވަނީ ފަށައިފަ އެވެ.

ނަމަވެސް ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ދަރިވަރުންގެ ކިޔެވުން މިއަހަރު ފެށޭނެ ކަމަށް ނުބެލެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑް 19 ގުޅިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ފެށީ މާޗް 12 ގައެވެ. އަދި ޖުލައި އެކަކުން ފެށިގެން ބަލިމަޑުކަން ނުފެތުރޭ ރަށްރަށުގައި ގްރޭޑު އެކަކުން ފެށިގެން 12 އަށް ކިޔަވައިދޭން ފެށި އިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގައި އޭރު ކިޔަވައިދޭން ފެށީ ހަމައެކަނި ގްރޭޑް 9 އިން މަތީގެ ދަރިވަރުންނަށެވެ.

ނަމަވެސް އޭރު މާލެ ތެރޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެން ފެށުމާއެކު މިޑް ޓާމް ޗުއްޓީއާއެކު ސްކޫލްތައް ބަންދުކޮށް، އަނެއްކާވެސް ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދޭން ފެށި އެވެ.

ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދިނުން ފަށާފައި ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކުގަ އެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވެވޭނެ ހާއްސަ ނިޒާމުތައް ގާއިމުކުރުމުގެ އިތުރުން ސްކޫލަށް ވަނުމުގެ ކުރީން ހުން ބެލުން ވަނީ ތައާރަފުކޮށްފަ އެވެ. އަދި ކުލާސްތަކުގައި ގައިދުރުކަން ކަށަވަރުކުރުމަށް ދަރިވަރުންގެ އަދަދު ވަނީ މަދުކޮށްފަ އެވެ. ކިޔަވައިދޭ ވަގުތާއި ދުވަސްތައް ވެސް ވަނީ މަދުކޮށްފައެވެ.