ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ސަޕޯޓަރުންނާ ނުލައި ކުޅުނު އެލް ކްލެސިކޯ ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި މިރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. މިރޭގެ މޮޅާއެކު ރެއާލުން ވަނީ އެންމެ ފަހުން ކުޅުނު ތިން ކްލެސިކޯ މެޗުވެސް ކާމިޔާބުކޮށްފައެވެ. މިއީ 2012-13 ވަނަ އަހަރުގެ ސީޒަނަށްފަހު ރެއާލުން ޖެހިޖެހިގެން ތިން ކްލެސިކޯ މެޗު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮވެގެން ކްލަސެކޯއަށްް ނުކުތް ރެއާލުން މެޗުގެ ފަސްވަނަ މިނެޓުގައެވެ. ފެޑެރީކޯ ވަލްވާޑޭގެ ގޯލާއެކު ރެއާލްއިން ލީޑު ނެގިތާ ތިން މިނެޓް ފަހުން ބާސާގެ 17 އަހަރުގެ ފޯވަޑް އަންސޫ ފަޓީ ނަތީޖާ ހަމަހަމަކޮށްދިނެވެ. އެ ގޯލާއެކު އަންސޫ ފަޓީ ވެފައި ވަނީ އެލް ކްލަސިކޯގެ ތާރީހުގައިވެސް ގޯލް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މީގެ ކުރިން އެ ރެކޯޑު އޮތީ ބާސާގެ ކެޕްޓަން ލިއޮނަލް މެސީގެ އަތުގައެވެ.

ރެއާލުން ލީޑު ފުޅާކުރީ ދެވަނަ ހާފުގައެވެ. ބާސާ އޭރިއާ ތެރެއިން ކްލެމެންޓް ލެންގްލެޓް ރެއާލްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗަށް ކުރި ފައިލަކަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށްދިނީ މިހާތަނަށް އެންމެ ގިނަ ކްލެސިކޯގައި ކުޅެފައިވާ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. ރެއާލްގެ ތިންވަނަ ގޯލަކީ މޮޮޑްރިޗް 90 ވަނަ މިނެޓުގައި ޖެހި ގޯލެކެވެ.

މިރޭގެ މެޗަށް ނުކުތްއިރު ދެޓީމުވެސް އޮތީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެލް ކްލެސިކޯއިން މޮޅުވެ ރެއާލަށް ލީގުގެ އެއްވަނަ ލިބެނީ ހަ މެޗުން 13 ޕޮއިންޓާއެކުގައެވެ. ބާސާ އޮތީ ހަ ޕޮއިންޓް ފަހަތުން 10 ވަނައިގައެވެ.

މިރޭގެ މެޗަކީ އެލްކްލެސީކޯ ތާރީހުގައިވެސް ހުސް ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ މެޗެވެ. މިރޭގެ މެޗަކީ ބާސާ ސަޕޯޓަރުންނަށް ވަކިން ހާއްސަ ވެގެން ދިޔަ މެޗެކެވެ. ބާސާގައި މައްސަލަތަކެއް ޖެހި، މިދިޔަ ސީޒަނަށް ފަހު ކްލަބު ދޫކޮށްލާނެ ކަމަށް ބުނި، ކްލަބުގެ ކެޕްޓަން މެސީ، މި ސީޒަނަށްފަހު ބާސާއިން ދާނަމަ، މިރޭގެ އެލްކްލެސިކޯ އަކީ ޔަގީންކަމާއެކު އޭނާ ބާސާ ދަނޑުގައި ކުޅޭ ފަހު ކްލެސިކޯއެވެ. ބާސާގެ ތާރީހު ދުށް، ދުނިޔޭގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، މެސީގެ ބާސާ ކެރިއަރަށް ހިޔަނި އެޅިފައިވާއިރު، އޭނާ ހޯމްގައި ކުޅޭ ފަހު ކްލެސިކޯއަށް މިރޭގެ މެޗު ވެއްޖެނަމަ، ސަޕޯޓަރުންނަށް ނުވަދެވި ކުޅެން ޖެހުނީ އެއީ ބޮޑު ދެރައެކެވެ.