ދިވެހި ފުޓުބޯޅައިގެ ތެރޭގައި ގިނަ ސީޒަންތަކެއް ހޭދަކޮށްފައިވާ ޕާކިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު ސާގިބް ހަނީފް އަންނަ ސީޒަންގައި ކްލަބު ގްރީން ސްޓްރީޓްސްއާ ގުޅެން އެއްބަސްވެއްޖެއެވެ.
ސާގިބް ގްރީންއާ ގުޅެން އެއްބަސްވެފައިވާކަން އެ ކްލަބުން ވަނީ ޔަގީން ކޮށްދީފައެވެ.
ސާގިބް ހަނީފަކީ 2013 ވަނަ އަހަރުން ފެށިގެން ޕާކިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރެކެވެ. ކުރިން އޭނާއަކީ އެއް ނަންބަރު ގޯލްކީޕަރު ނަމަވެސް މިހާރު ގައުމީ ޓީމުގެ ގޯލް ބަލަހައްޓަނީ ޑެންމާކުގެ ދެވަނަ ޑިވިޝަނަށް ކުޅޭ ޔޫސުފް ބަޓެވެ. ޕާކިސްތާނުން ހިޖުރަކޮށްގެން ޑެންމާކުގައި ދިރިއުޅެމުން އަންނަ ބަޓަކީ އިންޑިޔާގެ ފުޓްސަލް ލީގުންވެސް ފާހަގަކޮށްލެވުނު ގޯލްކީޕަރެކެވެ.
ސާގިބް ހަނީފް ވަނީ މީގެ ކުރިން ރާއްޖޭގެ ބީޖީ ސްޕޯޓްސް ކްލަބާއެކު ދެވަނަ ޑިވިޝަންވެސް ކުޅެފައެވެ. އޭގެ އިތުރުން މާޅޮހާއެކު މިނިވަން ޗެމްޕިއަންޝިޕްގެ އިތުރުން ފޯކައިދުއާ އެކު ދިވެހި ޕްރިމިއާ ލީގުވެސް ސާގިބް ކުޅެފައި ވެއެވެ.
ސާގިބް މިދިޔަ ސީޒަންގައި ކުޅެފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބަށެވެ. އެ ކްލަބާއެކު އޭނާ އޭއެފްސީ ވެސް ކުޅެފައިވާއިރު، ސާގިބަކީ މި ރީޖަންގައި ފާހަގަކޮށްލެވޭ ގޯލްކީޕަރެކެވެ. ކޮވިޑް 19އާ ގުޅިގެން އޭއެފްސީ ކަޕްގެ ބާކީ ބައި ކެންސަލް ކޮށްފައިވާއިރު، ރާއްޖޭގެ ލީގު މެދުކަނޑާލީ އެފްއޭ ކަޕް ނުނިމެނީހެވެ.
އެފްއޭއެމްއިން އަންނަ ޑިސެންބަރު މަހު ލީގު ފަށަން ތާވަލުކޮށްފައިވާކަން މިހާރު ވަނީ ހާމަކޮށްފައެވެ. މެޗު ޝެޑިއުލް ނެރެފައިވާއިރު، މިހާތަނަށް ފަރިތަކުރުންތައް ފަށާފައިވަނީ ކްލަބު ވެލެންސިއާގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު