ދެކުނު ކޮރެއާގައި އިންފްލުއެންޒާއާ ދެކޮޅަށް ވެކްސިން ދިން 13 މީހަކު މަރުވުމުން ވެކްސިން ޕްރޮގްރާމް ހުއްޓުވައިފިއެވެ.

މިހާތަނަށް ދެކުނު ކޮރެއާގެ 13 މިލިއަން މީހުންނަށް އިންފްލުއެންޒާއާ ދެކޮޅަށް ވެކްސިން ދީފައިވާއިރު މި ޕްރޮގްރާމް ހުއްޓުވީ ދާދި ފަހުން 13 މީހަކު މަރުވުމާއި ގުޅިގެން ކަމަށް އެގައުމުގެ މެޑިކަލް އެސޯސިއޭޝަނުން ބުނެއެވެ.

އެހެން ނަމަވެސް އެޕްރޮގްރާމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޑޮކްޓަރު ވަނީ މީހުން މަރުވުމާއި ވެކްސިންއާ އެއްވެސް ގުޅުމެއް ވާކަމަށް ނުބެލެވޭކަމަށް ވިދާޅުވެފައެވެ.

ކޮރެއާއިން އެގައުމުގެ 19 މިލިއަން މީހުންނަށް ވެކްސިން ޕްރޮގްރާމް ހުޅުވާލާފައިވަނީ މިދިޔަ މަހުއެވެ. ނަމަވެސް 17 އަހަރުގެ ކުއްޖެއް މަރުވުމާއި ވެކްސިންއާ ގުޅުމެއް ހުރިކަމަށް ބެލެވުމުން ވަނީ ތަހުގީގެއް ވެސް ފައްޓައިފައެވެ. އަދި އުމުރުން ދުވަސްވީ މީހުން ވެސް މަރުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ކޮރެއާގެ ހެލްތު މިނިސްޓަރު ވަނީ ވެކްސިންއާ މެދު ގިނަބަޔަކު ކަންބޮޑުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިނިސްޓަރު ވަނީ ވެކްސިން ޕްރޮގްރާމް އަނެއްކާވެސް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން ފާހަގަ ކުރައްވައިފައެވެ.