"ގައުމުގެ ދުލުން"ގެ ނަމުގައި މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) އިން ބާއްވަން ނިންމާފައިވާ ގައުމީ ލަވަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބާއްވާ މި ލަވަ މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އަދި ވީޓީވީގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ކުރިއަށްގެންދާ މުބާރާތެކެވެ.
ހަ އުމުރު ފުރާއަކަށް ބަހަލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި ލަވަ މުބާރާތުގެ މަގުސަދަކީ ގައުމީ ޝިއާރު ފާޅުކުރުމާއި ގައުމިއްޔަތުގެ އިހުސާސް ކޮށްދޭ ލަވަތަކެއް ހުށަހެޅުމަށް ފުރުސަތު ހުޅުވައިލުމެވެ.
- 6 އަހަރުން ދަށް
- 8 އަހަރުން ދަށް
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 16 އަހަރުން ދަށް
- 18 އަހަރުން ދަށް
- 18 އަހަރާއި 35 އަހަރާ ދެމެދު
އެމްއެމްއޭސީގެ ޗެއާމަން އަލީ އަބްދުލް ކަރީމް ވިދާޅުވީ މި މުބާރާތް ވެގެންދާނީ ބެލުންތެރިން ވަރަށް ޝައުގުވެރިވާ ލަވަތަކެއް ހިމެނޭ، ވަރަށް ވާދަވެރި މާހައުލެއްގައި އުމުރު ފުރާތަކުގެ މެދުގައި ވާދަކުރެވޭ ގޮތަށް ބޭއްވޭ މުބާރާތަކަށް ކަމަށެވެ.
"މިމުބާރާތް ވެގެންދާނީ ގައުމީ ޖޯޝާއި ރޫހު އާލާ ކުރުމަށް އަޅާދެވޭ ވަރަށް ބޮޑު ބާރަކަށް. މި މުބާރާތުގެ ކޮންމެ ލަވައެއްވެސް ޝަރަހަ ކުރެވި މާނައާއި މެސެޖުން ގައުމީ ޖޯޝާއި ރޫހު އާލާވެގެންދިއުން ވަރަށް މުހިންމު. ލަވަ ވާން ޖެހޭނީ މި މަގުސަދުގައި މި މުބާރާތަށް ހާއްސަކޮށްގެން ހެދިފައިވާ ލަވައަކަށް. ކޮންމެ ލަވައަކުންވެސް ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށްދޭ ފަހި މެސެޖުތަކެއް ދެވިގެންދާނެ. މުބާރާތުގެ މައިގަނޑު މައުލޫއާ ތައާރަޒުވާ އެއްވެސް ކަމެއް ނުހިމެނޭނެ. ލަވައިގެ ޅެން، ލަވަކިޔުމުގެ ކުރިން ފަނޑިޔާރުން ފާސްކުރާނެ." އަބްދުލް ކަރީމް ވިދާޅުވިއެވެ.
މި މުބާރާތުގައި އަތޮޅުތެރެއިންވެސް ބައިވެރިވެވޭނެއެވެ. އެގޮތުން އަތޮޅުތެރެއިން ބައިވެރިވާ ފަރާތްތަކަށް ވާޗުއަލްކޮށް ލަވަ ކިޔޭނެއެވެ. ރަށްރަށުން ފޮނުވާ އޮޑިޝަން ކްލިޕްގެ ދިގުމިނުގައި އެއް މިނެޓާއި 30 ސުކުންތު ހުންނަންޖެހޭނެއެވެ. ރަށްރަށުން ބައިވެރިކުރަން އެދޭ ކްލިޕްތައް ފޮނުވާނީ 7993892 ގެ ޓެލްގްރާމް ނުވަތަ ވަޓްސްއަޕް ނަންބަރަށެވެ.
މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި ޖޫނިއާ ގްރޫޕުންނާއި ސީނިއާ ގްރޫޕުންވެސް އެންމެ މޮޅު ތިން ބައިވެރިން ހޮވާއިރު މުޅި މުބާރާތުން އެންމެ މޮޅު ތިން ބައިވެރިންވެސް ހޮވާނެއެވެ. މީގެ އިތުރުން މުޅި މުބާރާތުން ބެލުންތެރިންގެ ހޮވުމުން ހޮވޭ އެންމެ މޮޅު ތިން ބައިވެރިންވެސް ހޮވާނެއެވެ. އެ ބައިވެރިން ހޮވާނީ ބެލުންތެރިންގެ ވޯޓުންނެވެ.
މިމުބާރާތް މުޅި ރާއްޖެއަށް ދުރަށް ދައްކާނީ ވީޓީވީންނެވެ.
މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 9990997 ނުވަތަ 7993872 ނަންބަރު ފޯނަށް ގުޅުމަށް އެމްއެމްއޭސީން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު