ކޮވިޑް ފެތުރުން ހުއްޓުވުމަށް އިންޑިއާ އިން އުފެއްދި އެޕަކަށް ޑަބްލިއުއެޗްއޯއިން ތައުރީފުކޮށްފިއެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ބައެއް ގައުމުތަކުން ކޮންޓެކްޓް ޓްރޭސިން އެޕްތައްވެސް އުފައްދާފައިވާއިރު އެއެޕްތަކުން ވަނީ ކާމިޔާބު ނަތީޖާތަކެއް ނެރެދީފައެވެ.

ޑަބްލިއުއެޗްއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓަރ ޖެނެރަލް ޑރ ޓެޑްރޮސް އަދަނޮމް ވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށް ގިނަ ގައުމުތަކަކުން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައިފައެވެ. ޓެޑްރޮސް ވަނީ އިންޑިއާ އިން އުފައްދާފައިވާ އާރޯގްޔާ ސެޓޫ އަކީ ކާމިޔާބު އެޕެއް ކަމަށާއި އެ އެޕުގެ ސަބަބުން ނަތީޖާ ފެންނަ ކަމަށް ވިދާޅުވެ ތައުރީފު ކުރައްވައިފަ އެވެ.

އިންޑިއާ އިން ކޮވިޑް ހުއްޓުވުމަށް އުފައްދާފައިވާ އެޕް އާރޯގްޔާ ސެޓޫ ވަނީ އެގައުމުގެ 150 މިލިއަނަށްވުރެ ގިނަ މީހުން ޑައުންލޯޑު ކޮށްފައެވެ. އެއެޕްގެ ސަބަބުން އެގައުމުގެ ސިއްހީ ވުޒާރާއަށް އެގައުމުގައި ކޮވިޑް ކްލަސްޓާތައް ހުރި ސަރަހައްދުތައް ވަކިކޮށް ޓެސްޓުތައް ކުރުމަށް އިތުރު ފަސޭހަތަކެއް ވަނީ ވެފައެވެ.

ޓެޑްރޮސް ވަނީ އެފަދަ އިތުރު އެޕްތަކެއް އެހެން ގައުމުތަކުގައިވެސް ބޭނުންކުރާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖަރުމަނުގައި އުފެއްދި އެޕެއްވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. ޖަރުމަނުން އުފެއްދި އެޕް އާންމުންނަށް ބޭނުންކުރަން ފެށި ފުރަތަމަ 100 ދުވަސްތެރޭ އެ އެޕް މެދުވެރިކޮށް 1.2 މިލިއަން މީހުންގެ ހާލަތު ބަލައި ޓެސްޓު ކޮށްފައި ވެއެވެ.