ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް ފަށާފައިވާ ކޮވިޑް 19 ސީރޯސަވޭލަންސް ދިރާސާ ކުރިއަށްގެންދާނީ ހަތަރު ބުރަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ޖުމްލަ 4098 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މި ދިރާސާއަށް މީހުން ހޮވާފައިވަނީ މާލޭ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން ގުރުއަތުން ހޮވައިގެން ކަމަށާއި ގުރުއަތުން ހޮވާފައިވަނީ އެކި އުމުރުފުރާތަކުން ޖުމުލަ 4098 ބައިވެރިން ކަމަށެވެ. ބައިވެރިންގެ އަދަދު ކަނޑައަޅާފައިވަނީ ދިރާސާގެ ނަތިޖާއަކީ ސައްހަ ނަތީޖާއަކަށް ވުމަށް އެންމެ މަދުވެގެން ބޭނުންވާ މިންވަރު ބަލައިދެން އިލްމީ ދިރާސާތައް ކުރާ ގޮތްތަކަށް ބިނާކޮށް ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ އެންޓިބޮޑީ ޓެސްޓުގެ ފުރަތަމަ ބުރު ކަމަށްވާ 18 އަހަރުން ދަށުގެ ކުދިންގެ ސާމްޕަލް ނެގުން ނިމިފައިވާ ކަމަށެވެ. އެގޮތުން 936 ފަރާތެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ.

ދެވަނަ ބުރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ދެވަނަ ބުރުގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންގެއެވެ. އެގޮތުން 1730 ފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މީގެ އިތުރުން ތިންވަނަ ބުރުގައި ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންގެއެވެ. އެގޮތުން 1232 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރާނެއެވެ. އަދި އެންމެ ފަހު ބުރުގައި ސާމްޕަލް ނެގާނީ 60 އަހަރުން މަތީގެ މީހުންގެއެވެ. އެގޮތުން 200 މީހެއްގެ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ މި ދިރާސާއަށް ބޭނުންވާ ޓެސްޓު ހަދާނީ ތިން މިލިލީޓަރުގެ ލޭ ނަގައިގެން ކަމަށެވެ. އަދި ލޭ ނަގާނީ މިކަމަށް ތަމްރީނު ލިބިފައިވާ ސިއްހީ ދާއިރާގެ މީހުން ކަމަށާއި ލޭ ނެގުމުގައި ހުރިހާ ކަމެއް ބަހައްޓާނީ ޑަބްލިޔުއެޗްއޯގެ ސަލާމަތީ މިންގަނޑާ އެއްގޮތަށް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ރެންޑަމްކޮށް ހޮވޭ މީހާ ސާމްޕަލް ދިނުމަށް ދާންޖެހޭނީ ހަވީރު 4:00 އިން ރޭގަނޑު 7:00އާ ދެމެދު މާލޭގައިނަމަ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް ނުވަތަ ފެކަލްޓީ އޮފް އެޑިއުކޭޝަނަށެވެ. ހުޅުމާލޭގައިނަމަ ޖެމްސް ޕްރީ ސްކޫލަށް އަދި ވިލިމާލޭގައިނަމަ ވިލިމާލެ ހޮސްޕިޓަލަށެވެ. އަދި ބަލި ހާލު ހުރިގޮތުން ޓެސްޓުކުރާ ތަނަށް ނާދެވޭ ހާލަތުގައި، އެމީހަކު ހުރި ގެއަކަށް ގޮސް ސާމްޕަލް ނަގާނެއެވެ.