ޚަބަރު

އެއޮރޯ ފްލޮޓާއި އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް އިތުރު ކުރަނީ

ރަޝިއާގެ އެއޮރޯ ފްލޮޓާއި އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި މަހުގެ 25 އިން ފެށިގެން އެމިރޭޓްސްގެ ދަތުރުތަކުގެ ފްރިކުއެންސީ އިތުރުކޮށް، ހަފުތާއަކު ތިން ދަތުރު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު އެމިރޭޓްސް އިން ރާއްޖެއަށް ހަފުތާއަކު 10 ދަތުރު ކުރާނެ ކަމަށް ބުންޏެވެ.

މިހާރު އެމިރޭޓްސް އިން ރާއްޖެއަށް ހަފުތާއަކު ހަތް ފްލައިޓް އޮވެ އެވެ. އަލަށް ފަށާ ތިން ދަތުރު އޮންނަނީ އާދިއްތަ، ހޯމަ އަދި ބުދަ ދުވަހު ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލުން ބުނީ އެއޮރޯ ފްލޮޓްގެ ދަތުރުތައްވެސް ރާއްޖެއަށް އިތުރު ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން މި މަހު 26 އިން ފެށިގެން އިތުރު ދެ ދަތުރު ރާއްޖެއަށް ކުރާނެ ކަމަށެވެ. އެއާއެކު އެއޮރޯ ފްލޮޓް އިން ރާއްޖެއަށް ހަފުތާއަކު ހަތަރު ދަތުރު ކުރާނެ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

މިހާރު އެއޮރޯ ފްލޮޓްގެ ދަތުރުތައް އޮންނަނީ ހުކުރު ދުވަހާއި އާދިއްތަ ދުވަހުއެވެ. އަލަށް ފަށާ ދަތުރުތައް އޮންނާނީ ހޮނިހިރު އަދި ހޯމަ ދުވަހު ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފެށި އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް ހިމެނެއެވެ. އެމިރޭޓްސްއަކީ މެދުއިރުމައްޗާއި ޔޫރަޕުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާ އެއާލައިނެވެ. އެ އެއާލައިނަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިންވެސް މެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އެއޮރޯ ފްލޮޓްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލެވެ.