ކުޅިވަރު

ތަންގަނޑު އެފްސީގެ ނަމޫނާ: އުމުރުން 14 އަހަރުގެ ރައްޔާން ފުރޮޅުލީ ގޮނޑީގައި ދަނޑަށް

4

ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫންކަން ދައްކުވައިދޭ އެތައް ކަމެއް ފެންނަމުންދެއެވެ. ފުޓުބޯޅައަކީ ހަމައެކަނި ކުޅިވަރަކަށްވުރެ މާނަ ފުން، އެތައް ބަޔަކަށް ތަފާތު އިހުސާސްތަކެއް ގެނުވައިދޭ ބާރުގަދަ ކުޅިވަރެކެވެ. މުޅި ދުނިޔޭގައިވެސް އެފަދަ އެތައް ކަންތައްތަކެއް ފުޓުބޯޅައިން ދައްކަމުން ދެއެވެ. ހާއްސަކޮށް، އިންސާނިއްޔަތުކަމާ އިހުތިރާމް އެންމެ ބޮޑަށް ދައްކުވައިދޭ އެއް ކުޅިވަރަކީވެސް ފުޓުބޯޅަ ކަމަށް ގިނަ ބަޔަކު އެއްބަސް ވާނެއެވެ. އެންމެން ޝާމިލްކޮށް، މުޖުތަމައުގައި ބައިވެރިކުރުވާނެ މަގަކަށް މިއަދު ކުޅިވަރުވަމުން އަންނައިރު، ރާއްޖެއިންވެސް އެފަދަ މަންޒަރުތައް ފެނުމަކީ ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

އިއްޔެރޭ ރ. މީދޫގެ ކްލަބެއް ކަމަށްވާ ތަންގަނޑު އެފްސީގެ ފޭސްބުކް ޕޭޖުގައިވާ މަންޒަރަކަށް ދިވެހިންގެ ކަޅި ހުއްޓުވާލިއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު، ފުރޮލީ ގޮނޑިއެއްގެ އެހީގައި ދަނޑަށް އަރައި ފުޓްސަލް މެޗެއް ފެށިތަންވީ ހިތްގައިމު މަންޒަރަކަށެވެ. އެތައް ބައެއްގެ ތައުރީފު އެކަމަށް އޮއްސާލައިފިއެވެ. އެ އިސްނެގުމަށް ތަންގަނޑު އެފްސީއަށް ހަގީގަތުގައިވެސް ތައުރީފު ހައްގެވެ.

އުފެދުނީއްސުރެ ހިނގުމުގެ ނަސީބުން މަހުރޫމްވެފައިވާ މީދޫ އަނޯނާގޭ މުހައްމަދު ރައްޔާނަކީ ފުޓްސަލްއާއި ފުޓުބޯޅައިގެ ބޮޑު ސަޕޯޓަރެކެވެ. އެހެން މީހުންނާ އެއްގޮތަށް ކުޅުމުގެ ނަސީބު، 14 އަހަރުގެ ރައްޔާނަށް ލިބިފައި ނެތް ނަމަވެސް، ޓީމުގެ ތެރޭގައި ހަރަކާތްތެރި ވެ ފުޓުބޯޅައިގެ ތެރޭގައި އުޅުމަކީ އަބަދުވެސް ރައްޔާން ކުރަމުން އަންނަ ކަމެކެވެ. އެއީ ޝައުގުވެރިކަމުންކަން ޔަގީނެވެ. ބައިވެރި ވެ، ފުޓުބޯޅައިގެ ތެރެއިން ލިބޭ އުފާވެރިކަން ހިތަށް ގެނައުމުގެ މަސައްކަތުގެ ތެރެއިންނެވެ.

މީދޫ ފުޓްސަލް ފޯރީގެ ނަމުގައި އެރަށުގެ ކްލަބުތަކުގެ މެދުގައި ކުޅެމުން އަންނަ ފުޓްސަލް މުބާރާތުގައި އިއްޔެރޭ ތަންގަނޑު އެފްސީން ވަށްބުރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗު ފެށީ ރައްޔާންގެ ޕާހަކުންނެވެ. ފުރޮލީ ގޮނޑީގައި އިނދެ ރައްޔާން ޖައްސާލި ޕާހަކުން މެޗު ފެށުމަށްފަހު، އޭނާ ފައިބައިގެން ދިޔައީ ނުހަނަ އުފަލާ އެކުގައެވެ. އެ ފުރުސަތުން ގެނެސްދިން އުފާވެރިކަމުގެ އިހުސާސް މޫނުމަތިން ފެނިގެން ދިޔައެވެ.

"ކުޑައިރުންސުރެ ރައްޔާން އަކީ ހިނގުމުގެ ގާބިލުކަން ލިބިފައި ނުވާ ކުއްޖެއް. އެކަމަކު ހަމަ ކޮންމެ ފަހަރަކުވެސް ޓީމުގެ ތެރޭގައި އުޅޭނެ. ޖާޒީވެސް ދީފައި ހުންނާނީ. ޓީމުގެ ފަހަތުގައި އިންނާނީ ސަޕޯޓްކުރަން. ހުރިހާ ޓީމު ފޮޓޯއެއްގައިވެސް ހިމަނާފައި ހުންނާނެ އެ އަހަރުތަކުގައިވެސް. ދެން މި އަހަރު ނިންމީ ކުޅުންތެރިއެއްގެ ގޮތުގައި ޖަހަން. ޖާޒީ ލައިގެން ބެންޗުގައި، ހުރިހާ މެޗެއްގައި ވެސް އިންނާނެ. އެއީ މިހާރު ހަމަ ޓީމުގެ ކުޅުންތެރިއެއް،" ރައްޔާންގެ ވާހަކަ ކްލަބުގެ ޗެއާމަން އަހުމަދު އާމިރު "ވަން"އަށް ކިޔައިދެމުން ވިދާޅުވިއެވެ.

ތަންގަނޑު އެފްސީން ދައްކުވައިދިނީ ރާއްޖެއިން ގިނައިން ފެންނަން ޖެހޭ، އެހެން ނަމަވެސް މަދުން ފެންނަ މަންޒަރެކެވެ. ކްލަބުގެ އުންމީދަކީވެސް އެ މަންޒަރަކީ ބޮޑެތި ކްލަބުތަކަށްވެސް ފެށުމަކަށް ވުމެވެ. ތަންގަނޑު އެފްސީއަކީ އަދި އެންމެ ތިން އަހަރުވީ ކްލަބެއް ނަމަވެސް، މިއަދު އެ ދައްކައިދިނީ ބޮޑު މަންޒަރެކެވެ. ކްލަބުގެ އެދުމަކީ އެ މަންޒަރުގައި އެންމެންވެސް ހިފައި، މިސާލު ދެއްކުމެވެ.

"އާންމުކޮށް ނުފެންނަ ކަމެއް. އެކަމަކު މިއީ ކުރަން ޖެހޭ ކަމެއް. ތަންގަނޑުން ގަބޫލުކުރަނީ ކުޅިވަރު ތެރޭގައި ބައިވެރިކޮށް، މުޖުތަމައުގައި އެ ހުރިހާ އެންމެންވެސް ބައިވެރިކުރުން. އެއީ އަހަރެމެން އެންމެންގެ ޒިންމާއެއް. އަހަރެމެންގެ އުފަލުގައި އެ ހުރިހާ ފަރާތްތަކެއްވެސް ބައިވެރިކުރަން ޖެހޭ. ރާއްޖޭގެ ޓީމުތަކުން މިކަންކަމުގައި ނުކުމެ މި ކަންކަމަށް ސަމާލުކަން ދީފި ނަމަ، އެފަދަ ހާއްސަ އެހީއަށް ބޭނުންވާ އެންމެންނަކީވެސް މުޖުތަމައަށް ބޭނުން ހިފޭ ބަޔަކަށް ވެގެންދާނެ. (ތައްގަނޑު އެފްސީ) މިއީ ކުޑަކުޑަ ޓީމެއް. މިކަންކަމަށް ސަމާލުކަން ދީ ބޮޑެތި ޓީމުތަކުން އެބަ ޖެހޭ އެކަމަށް ނުކުންނަން،" ޗެއާމަން އާމިރު ވިދާޅުވިއެވެ.

ފުޓްސަލްގައި ފާހަގަކޮށްލެވޭ ތަންގަނޑު އެފްސީއަކީ މީދޫގައި ވަރުގަދަ ނަމެކެވެ. ފުޓްސަލްގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ތަރިންވެސް ކްލަބަށް ކުޅެފައިވާއިރު، އިއްޔެރޭ ދައްކުވައިދިން ހިތްގައިމު މަންޒަރަށް ސެލިއުޓް ކުރަން ޖެހެއެވެ. ބައިވެރިކުރުމާއި، ބަލައިގަތުމުގެ އެ ނަމޫނާއަކީ އެހެން ހުރިހާ ކްލަބުތަކަކުންވެސް ހިފަން ޖެހޭނެ ނަމޫނާ މިސާލެކެވެ. ހާއްސަ އެހީއަށް ބޭނުންވުމަކީ އުފާތަކުން މަހުރޫމުވާން ޖެހޭ ސަބަބެއް ނޫނެވެ.