ޔުނިވަސިޓީ އޮފް އޮސްފޯޑުން ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިން އެސްޓްރާޒެނެކާގެ ޓެސްޓް ޓްރަޔަލްތައް ކުރުމުގެ ތެރޭގައި ބްރެޒިލްގެ މީހަކު މަރުވެފައިވާ ކަމަށް އެގައުމުގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

އެމީހާ މަރުވީ ވެކްސިންގެ ސަބަބުން ކަމެއް ނުވަތަ އެހެން ސަބަބަކާ ހުރެ ކަމެއް އަދި އެނގިފައެއް ނުވެއެވެ. ޓެސްޓު ކުރުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު އަލްޖަޒީރާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ވެކްސިން ޓެސްޓުތަކުގައި ބައިވެރިވާ ހުރިހާ މީހުންގެ މައުލޫމާތެއް ވެސް ސިއްރުކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މި މަރާ ގުޅޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ މީޑިއާގެ ބައެއް ރިޕޯޓުތައް ބުނެއެވެ.

ވެކްސިން ޓެސްޓުގައި ބައިވެރިވި ވޮލެންޓިއަރަކު މަރުވި ނަމަވެސް ވެކްސިން ޓެސްޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ދާނެކަމަށް ބްރެޒިލްގެ ސިއްހީ ވުޒާރާއިން ބުނެފައި ވެއެވެ.

އެސްޓްރާޒެނެކާގެ ތިން ވަނަ ކްލިނިކަލް ޓްރަޔަލްތައް އެކިގައުމުތަކުގައި ފަށާފައިވާއިރު ސެޕްޓެމްބަރުގައި ވަނީ ޓެސްޓުގައި ބައިވެރިވި މީހަކު ކުއްލި ގޮތަކަށް ބަލިވެގެން ވެސް ޓެސްޓުތައް ހުއްޓުވައިފައެވެ.

އެސްޓްރާޒެނެކާގެ ޓެސްޓުތައް މިހާރު ކުރަމުން އަންނަނީ އިނގިރޭސިވިލާތުގެ އިތުރުން ބްރެޒިލް އާއި އެމެރިކާގައެވެ.