ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ހަގީގީ އަދަދު ދެނެގަތުމަށް ފަށާފައިވާ އެންޓި ބޮޑީ ޓެސްޓުގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށާއި ދެވަނަ ބުރު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މި ސާވޭގެ ފުރަތަމަ ބުރުގައި 18 އަހަރުން ދަށުގެ ކުދިންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ދެވަނަ ބުރު ފެށުމަށް މިހާޜު ތައްޔާރުވަމުން އަންނައިރު އެކަމަށް އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

އެންޓިބޮޑީސް ޓެސްޓްކުރުމަށް ކުރިއަށްގެންދާ ސާވޭގެ ދެވަނަ ބުރު ހާއްސަކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ސާވޭގެ ދެވަނަ ބުރު ކުރިއަށް ގެންދާނީ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ނަމެއް ނެގުމަށްފަހުގަ އެވެ. އަދި ރެންޑަމްކޮށް ނެގޭ މީހަކަށް ސާމްޕަލް ދިނުމަށް އެސްއެމްއެސް އަކުން އަންގާނެ އެވެ.

އެގޮތުން ރެންޑަމްކޮށް ހޮވޭ މީހާ ސާމްޕަލް ދިނުމަށް ދާންޖެހޭނީ ހަވީރު 4:00 އިން ރޭގަނޑު 7:00 ދެމެދު މާލޭގައިނަމަ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ސައިންސް ނުވަތަ ފެކަލްޓީ އޮފް އެޑިއުކޭޝަނަށެވެ. ހުޅުމާލޭގައިނަމަ ޖެމްސް ޕްރީ ސްކޫލަށް އަދި ވިލިމާލޭގައިނަމަ ވިލިމާލެ ހޮސްޕިޓަލަށެވެ. ވިލިމާލެ ހޮސްޕިޓަލުން ނުނެގޭ ހާލަތުގައި އެމީހަކު ހުރި ގެއަކަށް ގޮސް ސާމްޕަލް ނަގާނެ އެވެ.

ކޮވިޑުގެ އެއްވެސް އަލާމާތް ނުފެނި ބަލިޖެހިފައި ހުރިކަން ނޭނގި އެތަށް ބަޔަކު ރަނގަޅުވެފައިވެ އެވެ. އެންޓިބޮޑީ ޓެސްޓަކީ މާލޭގެ އާބާދީގެ ތެރެއިން ކުރިން މި ބަލި ޖެހިފައިވަނީ އާބާދީގެ ކިތައް ޕަސަންޓަށްތޯ އާއި ކޮވިޑް ފެތުރިގެންދާ ބާރުމިނާއި ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސާވޭއެކެވެ.