ކުޅިވަރު

ސެންޓްރަލް އޭޝިއަން ޒޯނަލް އެސޯސިއޭޝަންގެ ރައީސަކަށް ލަތީބެ ހޮވިއްޖެ

ސެންޓްރަލް އޭޝިއަން ޒޯނަލް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ ރައީސް، މުހައްމަދު ލަތީފް (ލަތީބެ) ހޮވިއްޖެއެވެ.

ސެންޓްރަލް އޭޝިއަން ޒޯނަލް ވޮލީބޯޅަ އެސޯސިއޭޝަން ތަމްސީލުކުރަނީ ސެންޓްރަލް އޭޝިއާގެ އިތުރުން ދެކުނު އޭޝިޔާގެ 14 ގައުމެކެވެ. ރާއްޖޭގެ އިތުރުން އެ އެސޯސިއޭޝަން ތަމްސީލު ކުރަނީ އިންޑިއާގެ، ބޫޓާން، ނޭޕާލް، އުޒުބަކިސްތާން، ޕާކިސްތާން އިތުރުން އިރާން، ބަންގްލަދޭޝް، ތުރުކަމެނިސްތާން، ސްރީލަންކާ، ކިރިގިސްތާންގެ އިތުރުން ކަޒަކިސްތާނެވެ. ލަތީބެ ހޮވިފައި ވަނީ ހަތަރު އަހަރުގެ ދައުރަކަށެވެ.

އެމަގާމަށް ހޮވުމާއި ގުޅިގެން ލަތީބެ "ވަން" އަށް ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އުންމީދަކީ ބައިނަލްއަގުވާމީ ގިނަ ފައިދާތަކެއް ލިބުން ކަމަށެވެ.

"މި ކާމިޔާބީއަކީ ދިވެހި ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް. އުންމީދަކީ ވަރަށް ބޮޑު ފައިދާތަކެއް ވުން. މި މަގާމުގެ ސަބަބުން ރީޖަނަލް، ޒޯނަލް އޮފީހެއް ރާއްޖޭގައި ހުޅުވިގެންދާނެ. އެ އޮފީހުގެ ސަބަބުން ބައިނަލްއަގުވާމީ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވިގެންދާނެ. ހަގީގަތުގައި މިއީ އަޅުގަނޑު އެކަނި ކުރި މަސައްކަތްތަކުގެ ނަތީޖާއެއް ނޫން. މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުބް ދެއްވި އެއްބާރުލުމާއި އެހީތެރި ކަމުގެ އިތުރުން މިއަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގައުމީ ޓީމުތަކުގެ ކަންކަމަށް ގެނައި ބަދަލާއި، ކުޅުންތެރިންގެ ކަންކަމަށް ކުރާ ހަރަދުތަކަށް ގެނައި ރަނގަޅު ކަންކަމުގެ ސަބަބުން ލިބުނު މަގާމެއް. މިއަދުވެސް ގޮވާލާނީ ދެބަސްވުން ހުއްޓާލުމަށް،" ލަތީބެ ވިދާޅުވިއެވެ.

ރާއްޖޭގެ ވޮލީ ބޯޅައިގައި ގިނަ މައްސަލަތެއް އޮތްއިރު، އެންމެފަހުގެ އިންތިހާބުގައިވެސް ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ތެރޭގައި ވީއޭއެމްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި، ލަތީބެއަށް މަގާމު ގެއްލުނު ކަމަށްވެސް ފާސްކޮށްފައި ވެއެވެ. އެހެން ނަމަވެސް އެ ނިންމުން ވޮލީގެ މައި އިދާރާ އެފްއައިވީބީން ބަލައިގެންފައެއް ނުވެއެވެ.

ލަތީބެގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގީ އެސޯސިއޭޝަންގެ އާންމު ޖަލްސާގައެވެ. އެ ޖަލްސާގައި ވީއޭއެމްގެ މެންބަރު އަށް ކްލަބުގެ ތެރެއިން ހަ ކްލަބަކުން ބައިވެރިވިއެވެ.

އެ ބައްދަލުވުމަކީ ވީއޭއެމްގެ ހިންގާ ކޮމިޓީން ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގެ ރިޔާސަތު ނައިބު ރައީސް އަލީ ފަޒާދު ބެލެހެއްޓެވި އިރު، ކޯޗާސް ކޮމިޝަންގެ ޗެއާމަން މުހައްމަދު ސާޖިދާއި ބީޗް ވޮލީބޯލް ޑިވެލޮޕްމަންޓްގެ ޗެއާމަން އަބްދުﷲ ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވީއޭއެމްގެ އާންމު ބައްދަލުވުމުގައި ލަތީފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އިންނެވެ. ޑީއެސްސީގެ އެ ހުށަހަޅުމަށް ތާއީދުކުރީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބުންނެވެ. އެ ހުށަހެޅުން ފާސްވެފައިވަނީ އިއްތިފާގުންނެވެ.

ވީއޭއެމްގެ ރައީސްކަމުން ލަތީފް ވަކިކޮށްފައި މިވަނީ ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމް (ހީނާ ސަލީމް) އާއި ލަތީފާ ދެމެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. އެ މައްސަލަތައް ފެށިގެންދިޔައީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ އަތުން ހިންގާ ކޮމިޓީގެ ބާރުތައް ނަގައި، އެ ބާރުތައް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރުމުންނެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އެ ނިންމުން ވޮލީބޯޅައިގެ މައި އިދާރާ، އެފްއައިވީބީން ބަލައިގަނެފައެއް ނުވެއެވެ. އެފްއައިވީބީން ބަލައިގަންނާނީ ވީއޭއެމްގެ އިންތިހާބީ ކޮމިޓީ ކަމަށް ބުނެ، އެސޯސިއޭޝަން އަލުން އިންތިހާބީ ކޮމިޓީއާ ހަވާލުކުރުމަށް އެ ފެޑެރޭޝަނުން އެންގި ނަމަވެސް، އެ އެންގުމާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.

ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް ކުރިމަތިކުރުވި ސުވާލުތަކަކަށް ޖަވާބުދެމުން ވެސް އެފްއައިވީބީން ބުނީ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށެވެ. އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ބަލައިނުގަންނާނެ ކަމަށް ވެސް އެފްއައިވީބީން ރިޔާޒަށް ފޮނުއްވި ސިޓީގައި ބުނެފައި ވެއެވެ.

މިއަދު ރާއްޖެއަށް ލިބުނު މަގާމާ ގުޅިގެން ލަތީބެ އިތުރަށް ވިދާޅުވީ ރާއްޖެއަށް އޭސިއާގެ އެންމެ މަތީ މަގާމުތަކަށަވެސް ދެވޭނެ ކަމަށާއި، ބޭނުންވަނީ ކުޅިވަރު އާއިލާގެ އިތުރުން ވޮލީ އާއިލާގެ އެކުވެރިކަން ކަމަށެވެ. ލަތީބެ ވިދާޅުވީ ބައިނަލްއަގުވާމީ އިތުރު ފުރުސަތުތައް ރާއްޖެއަށް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި، ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކުރަން ތައްޔާރު ކަމަށެވެ.