ކުޅިވަރު

ކްލީން ޝީޓާއެކު ލެމްޕާޑަށް ހިތްހަމަ ޖެހުން، ތައުރީފު ސިލްވާއަށް!

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އީގައި ރޭ ޗެލްސީން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޗެލްސީއަށް ކްލީންޝީޓެއް ދެމެހްޓިފައި ވަނީ ގިނަ ދުވަސްތަކަކަށް ފަހުއެވެ. ޗެލްސީއަށް މިދިޔަ ސީޒަންގެ ފަހުކޮޅުގެ އިތުރުން މި ސީޒަންގެ މިހާތަނަށްވެސް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޑިފެންސް މައްސަލައިގެ އިތުރުން ގޯލްކީޕަރުގެ މައްސަލައެވެ.

ޑިފެންސް މައްސަލަ ހައްލުކުރުމަށް މި ސީޒަނަށް ޗެލްސީން ގެންދިޔަ ދެ ޑިފެންޑަރުންނަކީ ބެން ޗިލްވެލް އާއި ބްރެޒިލްގެ ތަޖުރިބާކާރު ތިއާގޯ ސިލްވާއެވެ. އޭގެ އިތުރުން އަލަށް ސީޒަނަށް ގެންދިޔަ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑޯ މެންޑީވެސް ރޭގެ މެޗުގައި ފެނިފައި ވެއެވެ. ޗެލްސީގެ ޑިފެންސުން މާ ބޮޑު ގޯސްތަކެއް ރޭގެ މެޗުގައި ފެނިފައި ނުވާއިރު، މެޗަށްފަހު ލަމްޕާޑު ވަނީ ތިއާގޯ ސިލްވާއަށް ތައުރީފު ކޮށްފައެވެ.

"ތިއާގޯ ސިލްވާ ވަރަށް ރަނގަޅަށް ކުޅުނު. ތިއާގޯގެ ތަޖުރިބާ އާއި އޭނާގެ ކޮލިޓީގެ ސަބަބުން މުޅި ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންނަށް އެކަމުން ހިތްވަރު ލިބޭ. ޓްރާންސްލޭޓަރެއް ބޭނުންކޮށްގެން އަހަންނާ ވާހަކަ ދައްކަން ޖެހުނު ނަމަވެސް، ވަރަށް ގާތް ގުޅުމެއް އޮންނާނެ މިހާރު ވެސް. އަހަންނަށްވެސް ކެރިއަރުގެ ފަހު އަހަރުތަކުގައި ކުރެވުނު އިހުސާސަށް ބަލައި ތިއާގޯގެ ތަމްރީނުތަކާ ކަންކަމަށް އިސްކަން ދޭނަން. ތިއާގޯ ލައްވައި ވީހާވެސް ގިނަ މެޗުތަކެއް ކުޅުވަން ބޭނުން ވަނީ،" ލަމްޕާޑު ބުންޏެވެ.

ޗެލްސީން މި ސީޒަންގައި ހޯދި ތިން ކްލީންޝީޓްގައި ވެސް ތިއާގޯ ސިލްވާގެ ހިއްސާ ބޮޑެވެ. ގިނަ ދުވަސްތަކެއް ވަންދެން ޕީއެސްޖީއަށް ކުޅުމަށްފަހު ތިއާގޯ ސިލްވާ ޗެލްސީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. ޕީއެސްޖީއާއެކު މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްވެސް ކުޅުނު އުމުރުން 36 އަހަރުގެ ސިލްވާ ބުނެފައި ވަނީ އޭނާ އަދި ކުޅުން ހުއްޓާލަން ގަސްދުނުކުރާ ކަމަށާއި، ބްރެޒިލާއެކު ވޯލްޑް ކަޕް ކުޅެން ބޭނުންވާ ކަމަށެވެ.

ޗެލްސީން ދެން ލީގުގައި ކުޅެން ޖެހޭނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޔުނައިޓެޑްގެ ދަނޑުގައެވެ.