އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާލެއް ލަސް ކަމަށް ގަބޫލު ނުކުރައްވާކަަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަތަކުގެ ތަހުގީގު ކުރިއަށްގޮސްފައިވާ މިންވަރާބެހޭގޮތުން އޮޅުން ފިލުއްވުމަށް އެސެތް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އަސްއަދު ވިދާޅުވީ، އެކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަކީ އުނދަގޫ ތަހުގީގެއް ކަމަށެވެ. އަދި އެކަމުގައި ގިނަ ގޮންޖެހުންތަކާއި ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ ޑޮކިއުމެންޓްތައް ހޯދުމަކީވެސް ވަރަށް އުނދަޣޫ ކަމެއް ކަމަށް އަސްއަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބައެއް މައްސަލަތަކަށް އަށް އަހަރު ނުވަނީސް ދައުވާ ކުރެވޭގޮތަށް ގާނޫނުގައި އޮތް ނަމަވެސް، ލިޔެ ކިއުންތައް ބަހައްޓަންޖެހޭގޮތަށް އޮންނަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ. ބޭނުންވާ ގިނަ ލިޔެކިއުންތަކަކީ، މެނުއަލީކޮށް ޕޭޕަރުގައި ހުރިތަކެތިކަން ފާހަގަ ކުރައްވައި އަސްއަދު ވިދާޅުވީ އެތަކެތި ހޯދުމަށް ވަންނަޖެހޭ ތަންތަންނުގައި ފުނިފުންޏަށް ހުން އެއްޗެހި ހޯދައި ބަލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައިގައި ފައިސާ ބޭނުންކޮށްފައިވާ ގޮތްތައް ހޯދާ ބަލާއިރު، އެހެން މީހުންގެ ނަންމުގައި ތަކެތި ހުރުމުން ގާނޫނީގޮތުން އުނދަގޫތަކެއް ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ ތަހުގީގުތަކަށް ބައެއް ފަރާތްތަކުން އެއްބާރުލުން ހޯދުމަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަ ކުރައްވައި، އަސްއަދު ވިދާޅުވީ ބޭންކު އޮފް މޯލްޑިވްސް އިންވެސް އެދެވޭ އެއްބާރުލުމެއް ލިބެން ފެށީ ވަރަށް ފަހުން ކަމަށެވެ.
އައްސަދު ވިދާޅުވީ އެފަދަ މައްސަލަތަކުގެ ތަހުގީގަކީ އެންމެ ދުވަހަކުން ނިންމާލެވޭނެ ތަހުގީގެއް ނޫންކަން ބޭރުގެ އެފަދަ ތަހުގީގުތަކަށް ބަލާލުމުން ސާފުވާނެ ކަމަށެވެ.
އެ މައްސަލައިގައި ތަހުގީގު ފުރިހަމަނުކޮށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި ނަމަވެސް އަނބުރާ ފޮނުވާލާނެ ކަމަށެވެ. އެގޮތަށް އެކަންވާން ބޭނުން ނުވާ ކަމަށް އަސްއަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބަޔަލު މައްޗަށް ދައުވާކޮށް ހުރަގެއަށް ވައްދާފައި ނިންމާލުމަކީ ކޮމިޝަންގެ މަގްސަދެއް ނޫން ކަމަށެވެ.
ތަހުގީގު ކުރިއަށް ގެންދަނީ މުސްތަގުބަލް ކުރިއަށް ގެންދަން ވެސް ފިޔަވަޅުތައް އަޅަމުން ކަމަށާއި ރައްޔިތުންނަށް ފައިދާ އޮތީ އެގޮތުގައި ކަމަށް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުން ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ
ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ