ކުޅިވަރު

ޗެލްސީގެ އެޑްވައިޒަރު ޗެކު ޕްރިމިއާ ލީގު ސްކޮޑަށް

ޗެލްސީގެ ލެޖެންޑަރީ ގޯލްކީޕަރު، މިހާރުގެ ޓެކްނިކަލް އެންޑް ޕާފޯމަންސް އެޑްވައިޒަރު ޕީޓާ ޗެކު، ކްލަބުގެ ޕްރިމިއާ ލީގު ސްކޮޑުގައި ހިމަނައިފިއެވެ.

2019 އަހަރު ފުޓުބޯޅައިން ރިޓަޔާކުރި ޗެކު، ޗެލްސީގެ ސްކޮޑުގައި ހިމަނާފައި ވަނީ ހާއްސަ އިމަޖެންސީ ހާލަތެއްގައި ބޭނުން ކުރަން ޖެހިދާނެ ކަމަށެވެ. ކޮންޓްރެކްޓެއް ނެތް ކުޅުންތެރިއެއްގެ ގޮތުގައި ޗެކު ޗެލްސީގެ ސްކޮޑުގައި ހިމަނާފައިވާއިރު، އޭނާގެ އުމުރުން މިހާރު 38 އަހަރެވެ. ޗެލްސީން ބުނެފައި ވަނީ ކޮވިޑް 19އާ ގުޅިގެން ބައެއް އުނދަގޫ ހާލަތްތައް ދިމާވެދާނެ ކަމަށް ޓީމުން ތައްޔާރުވެފައިވާ ކަމަށާއި، ޗެކު ސްކޮޑުގައި ހިމަނާފައި ވަނީ އެފަދަ ހާލަތަކަށް ތައްޔާރު ވުމަށް ކަމަށެވެ.

ޓްރާންސްފާގެ ބާޒާރު ބަންދުވުމާއެކު ޓީމުތަކުން ވަނީ ރަސްމީ 25 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކޮށްފައެވެ. 11 އަހަރު ޗެލްސީއާއެކު ހޭދަކޮށް، ޖުމްލަ 13 ޓްރޮފީވެސް ހޯދާފައިވާ ޗެކް، ޗެލްސީގެ ސްކޮޑުގައި ހިމެނުން ވެގެން ދިޔައީ ހައިރާން ކަމަކަށެވެ. އެހެން ނަމަވެސް އޭނާއަކީ އަދިވެސް ފިޓްނަސް ހިފަހައްޓަމުން އަންނަ ކުޅުންތެރިއެއްކަން ޗެލްސީގެ ތަމްރީނުތަކުން ފެންނަ މަންޒަރުތަކުން އެނގެއެވެ.

ޗެލްސީއަށް ގޯލްކީޕަރެއްގެ މައްސަލަތައް ދިމާވެފައިވާއިރު، އެޓީމަށް ރެކޯޑު އަގަކަށް ގެންގޮސްފައިވާ ކެޕާ އަރީޒާބަލާގާގެ ފަރާތުން ގޯސްތައް ފެންނަމުންދާތީ ޗެލްސީ ވަނީ އެޑުއާޑޯ މެންޑީވެސް ގެންގޮސްފައެވެ. ތިންވަނަ ގޯލްކީޕަރަކަށް އާޖެންޓީނާގެ ވިލީ ކަބަލޭރޯ ޗެލްސީން ބޭނުން ކުރަމުން އަންނައިރު، އޭނާގެ އުމުރަކީ 39 އެކެވެ.

ޗެލްސީއަށް ކުޅުމަށްފަހު އާސެނަލްއަށްވެސް ކުޅެފައިވާ ޗެކަކީ ޗެލްސީގެ ތާރީހުގައިވެސް ދުށް އެންމެ މޮޅު އެއް ގޯލްކީޕަރެވެ. މިހާރު ކީޕަރުން ތަމްރީނު ކުރުމުގައިވެސް ޗެކު ފާހަގަކޮށްލެވިފައިވާއިރު، ޗެކު ވަނީ އެ ކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ. ޗެކަކީ އޭނާގެ ގައުމު ޗެކް ރިޕަބްލިކަށްވެސް ގިނަ މެޗުތަކެއް ކުޅެފައިވާ ލެޖެންޑެކެވެ.